
ސައުދީ އަރަބިއްޔާގެ ރިޔާޟްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ "ހަޔަރ ޑިޕްލޮމާ އިން ކައުންޓަރ ޓެރަރިޒަމް" ޕްރޮގްރާމްގައި ބައިވެރިވާ ދިވެހި ފުލުހުންނާ ކޮމިޝަނަރ އޮފް ޕޮލިސް ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ނާއިފް އަރަބް ޔުނިވަރސިޓީ ފޯރ ސެކިއުރިޓީ ސައިންސަސްއިން އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބައިވެރިވަނީ ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް އިސްޙާޤް އަބޫބަކުރު އަދި ސާޖަންޓް ޝުއައިބް ޔޫސުފްއެވެ.
މި ޕްރޮގްރާމަކީ ގާނޫނީ އަދި އިޖުތިމާއީ ސްޓްރެޓަޖީތައް ބޭނުންކޮށްގެން ކުށްތައް ހުއްޓުވައި މަދުކުރުމަށް ބޭނުންވާ ހުނަރުވެރި ޕްރޮފެޝަނަލުން ބިނާކުރުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މިގޮތުން، ކްރިމިނަލް ލޯއާއި، ފޮރެންސިކްސްގެ އިތުރުން ބައިނަލްއަގްވާމީ އަދި އިސްލާމީ ގާނޫނީ ނިޒާމުތަކާ ގުޅޭގޮތުން މި ޕްރޮގްރާމްގެ ބައިވެރިންނަށް އުނގަންނައިދެވޭނެއެވެ.
މި ބައްދަލުކުރެއްވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި، މިއީ އުނގެނުމަށް ލިބިގެންދާ މުހިންމު ފުރުސަތެއްކަން ހަނދާނުގައި ބެހެއްޓުމަށާއި ކޯހުގެ މުއްދަތުގައި ޕްރޮފެޝަނަލްކަން އެންމެ މަތީ ދަރަޖައަށް ހިފަހައްޓައި، ކާމިޔާބުކަމާއެކު ޕްރޮގްރާމް ފުރިހަމަކުރުމަށް މަސައްކަތް ކުރުމަށް ބައިވެރިންނަށް ކޮމިޝަނަރ ބާރުއެޅުއްވިއެވެ. މީގެ އިތުރުން، މިފަދަ ތަމްރީނުތަކުގެ ސަބަބުން ފުލުހުންގެ ގާބިލުކަން އިތުރުވެ، ފުލުހުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.