
ގައުމީ ވާޖިބު އަދާކުރުމުގެ މަތިވެރި މަސައްކަތުގައި ދެމިތިއްބަވަނިކޮށް ވަކިވެދިޔަ ފުލުހުންގެ ހިދުމަތުގެ ހަނދާންތައް އާކޮށް، އެ ފުލުހުންގެ ޒިކުރާއާކުރުމަށްޓަކައި، ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 23 ވަނަ ދުވަހަކީ “ޕޮލިސް މެމޯރިއަލް ޑޭ” ގެ ގޮތުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ފާހަގަކުރާ ދުވަހެކެވެ.
މިއަދަކީ، އަމިއްލަ ނަފުސުގެ ސަލާމަތަށްވުރެ ރައްޔިތުންގެ ރައްކާތެރިކަން އިސްކޮށް، ފުލުހުން ދައްކުވައިދީފައިވާ ހިތްވަރާއި، ނުގުޑާފަދަ ކެރުމާއި، މަތިވެރި ގުރުބާނީގެ ހަނދާންތައް އާކުރާ ދުވަހެވެ. ހަމައެއާއެކު، މިއީ ވަކިވެދިޔަ ފުލުހުންގެ އާއިލާތަކާއި، ގާތް ރަހުމަތްތެރިންގެ އިތުރުން، އެކުގައި މަސައްކަތްކުރި މުވައްޒަފުންނަށް ލިބިފައިވާ ފުން ހިތާމައިގައި ބައިވެރިވެ، އެ ބޭފުޅުންގެ ހިދުމަތާއި ގުރުބާނީ ދުވަހަކުވެސް ފަނޑުވިޔަ ނުދޭނެކަމުގެ ޔަގީންކަން އާކުރާ ދުވަހެއް ވެސް މެއެވެ.

2012 ޖުލައި 23 ވަނަ ދުވަހު، ކ. ކާށިދޫގައި ގޭބަންދުގެ އަމުރާ ހިލާފުވި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތުގައި އުޅުއްވަނިކޮށް ދިން ހަމަލާއެއްގައި، ޕޮލިސް ސަރޖަންޓް އާދަމް ޙަލީމް ވަނީ ޝަހީދުވެފައެވެ. އޭނާގެ ވަކިވެދިއުމަކީ މުޅި މުއައްސަސާއަށާއި ގައުމަށް ލިބުނު ބޮޑު ހިތާމައެކެވެ. އެހެންކަމުން، ޖުލައި 23 ވަނަ ދުވަހަކީ ހިދުމަތުގައި ދެމިތިއްބަވަނިކޮށް ވަކިވެދިޔަ ހުރިހާ ފުލުހުންގެ ޒިކުރާއާކުރާ ރަސްމީ ދުވަހުގެ ގޮތުގައި ވަނީ ހަމަޖެހިފައެވެ.
މިއަދު ހިދުމަތުގެ ޒިކުރާއާކުރެވޭ ފުލުހުންނަކީ، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް ނިސްބަތްވާ، ފުލުހުންގެ ޚިދުމަތުގެ ތަފާތު ދާއިރާތަކުގައި މުހިންމު މަސްއޫލިއްޔަތުތަކެއް އަދާކުރައްވާފައިވާ ބޭފުޅުންނެވެ. މީގެތެރޭގައި ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ ބޭފުޅުންނާއި، ހިދުމަތާ އަލަށް ގުޅިވަޑައިގެންނެވި ހީވާގި ޒުވާން އޮފިސަރުން ވެސް ހިމެނެއެވެ. މި ހުރިހާ ފުލުހުން ވެސް އެއްގޮތް އެއްކަމެއް ވެއެވެ. އެއީ، ގައުމަށްޓަކައި އޮތް ލޯތްބާއި، އަމިއްލަ ނަފުސަށްވުރެ ގައުމީ ވާޖިބު އިސްކުރުމުގެ މަތިވެރި ސިފައެވެ.
އެ ބޭފުޅުންގެ ހަނދާންތައް އާކުރުމަކީ ހަމައެކަނި އެ ބޭފުޅުން ވަކިވެދިޔަ ހިތާމަވެރި ހާދިސާތަކުގެ މަތިން ހަނދާންކުރުމެއް ނޫނެވެ. ނަމަވެސް، އެ ބޭފުޅުންގެ ކިބައިން ފެނިގެންދިޔަ މަތިވެރި އަހުލާގާއި، ގައުމާ މެދު ކުރެއްވި އުންމީދުތަކާއި، މުޖުތަމައުގެ ސަލާމަތަށްޓަކައި ކޮށްދެއްވި އަގުނުކުރެވޭ ފަދަ ހިދުމަތްތައް ފާހަގަކުރުމެވެ. އެއީ އެތައް ބައެއްގެ ދިރިއުޅުމާ ގުޅިފައިވާ، ނަމޫނާ ޝަހުސިއްޔަތުތަކެކެވެ.
ޕޮލިސް ސަރޖަންޓް އާދަމް ޙަލީމް (ސ.ނ 2290) ޝަހީދުވި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ 2012 ޖުލައި 23 ވަނަ ދުވަހު 00:10 ހާއިރު ކ. ކާށިދޫގައެވެ. ސަރޖަންޓް އާދަމް ޙަލީމް ޑިއުޓީއަށް ވަޑައިގެންނެވި މަގުމަތީގައި، ގޭބަންދުގެ އަމުރާ ހިލާފަށް ބޭރުގައި އުޅުނު މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެނައުމަށް މަސައްކަތް ކުރައްވައި، ގައުމީ ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށް، ތޫނު އެއްޗަކުން ދިން ހަމަލާއެއްގައެވެ.
ޕޮލިސް ކޯޕްރަލް މިޞްބާޙް ޢަބްދުﷲ (ސ.ނ 4670) ޝަހީދުވި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ 2013 ޖޫން 01 ގައެވެ. މި ހާދިސާ ހިނގީ، މާލޭގެ މަގުތަކަކީ އަމާންތަނަކަށް ހެދުމަށްޓަކައި، ގަވާއިދާ ހިލާފަށް އުޅަނދު ދުއްވާ ފަރާތްތައް ބަލައި ފާސްކުރުމަށް ގާއިމުކުރި ޗެކްޕޮއިންޓެއްގައި ޑިއުޓީގައި ހުންނަވަނިކޮށް، ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލަކުން ޖެއްސުމުގެ ސަބަބުންނެވެ.
ޕޮލިސް ކޮންސްޓަބަލް ޔޫސުފް ޟަމީރު (ސ.ނ 1969) ނިޔާވީ، 2007 މާރިޗު 13 ވަނަ ދުވަހު ޑިއުޓީ އަދާކުރެއްވުމަށްޓަކައި ދޫނިދޫއަށް ދަތުރުކުރި ފެރީގައި އިންނަވަނިކޮށް ދިމާވި ހިތާމަވެރި އެކްސިޑެންޓެއްގައި ކަނޑަށް ވެއްޓުމުގެ ސަބަބުންނެވެ.
ޕޮލިސް ލާންސް ކޯޕްރަލް ޢަލީ ނާޒިމް (ސ.ނ 1344) ނިޔާވީ، 2006 ނޮވެންބަރު 22 ވަނަ ދުވަހު ކަނޑުމަތީގައި ހާލުގައި ޖެހުނު ދޯންޏަކުން މީހުންނާއި މުދާ ސަލާމަތްކުރުމުގެ އޮޕަރޭޝަނަށް ދަތުރުކުރަނިކޮށް ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައެވެ.
ޕޮލިސް ކޮންސްޓަބަލް އަޙްމަދު ވިފާޤް (ސ.ނ 5508) ނިޔާވީ، 30 ވަނަ ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯހުގައި ތަމްރީނު ފުރިހަމަކުރައްވަމުން ގެންދަވަނިކޮށް، 2018 އޭޕްރިލް 08 ވަނަ ދުވަހު ދިމާވި ހިތާމަވެރި ހާދިސާއެއްގައެވެ.
މީގެ އިތުރުން، ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށް ނިޔާވެފައިވާ އިތުރު 11 ފުލުހެއްގެ ހަނދާން ވެސް ޕޮލިސް މެމޯރިއަލް ޑޭގައި އާކުރެވެއެވެ. އެ ފަރާތްތަކަކީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާޢީލް ނަދީމް، ޕޮލިސް ސަރޖަންޓް ޙުސައިން ޝަރީފް، ޕޮލިސް ސަރޖަންޓް ޝުޖާޢު ޢަދުނާން، ޕޮލިސް ސަރޖަންޓް އިސްމާޢީލް ރިޟާ، ޕޮލިސް ކޯޕްރަލް މުޙައްމަދު ޝާޠިރު، ޕޮލިސް ލާންސް ކޯޕްރަލް ޙަސަން އަޝްރަފް، ކޮންސްޓަބަލް ޢަބްދުލްބާސިޠު، ސާޖަންޓު ފާޠިމަތު ރިފާ، ކޮންސްޓަބަލް ޙުސައިން ޤައިސް، ސާޖަންޓު މުޙައްމަދު އަރުޝަދު އަދި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާސިފްއެވެ.
މީގެ ތެރޭގައި އެންމެ ފަހުން ނިޔާވި އަޙްމަދު ޢާސިފް ނިޔާވީ، 2026 ޖޫން 11 ވަނަ ދުވަހު ޑިއުޓީގައި “ޕޮލިސް ލޯންޗު 57” ގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ. މިއީ އަޙްމަދު ޢާސިފްގެ ހަނދާން މި ދުވަހުގެ ތެރެއިން އާކުރެވުނު ފުރަތަމަ ފަހަރެވެ.
މި ހުރިހާ ފުލުހުން ދުނިޔެ ދޫކުރެއްވި ހާލަތްތައް ތަފާތުވި ނަމަވެސް، އެ ފުލުހުން އާކޮށްދެނީ އެއް އަޒުމެކެވެ. އެއީ ރައްޔިތުންނަށް ހިދުމަތްކުރުމުގެ މަތިވެރި އަޒުމެވެ. އެ ފުލުހުންގެ ވާހަކަތަކަކީ ހަމައެކަނި ހިތާމަވެރި ހާދިސާތަކެއްގެ ވާހަކައެއް ނޫނެވެ. އެއީ ވަފާތެރިކަމާއި، ހިތްވަރާއި، އަހުލާގާއި، އޯގާތެރިކަމުގެ ވާހަކަތަކެވެ.
މިއަދަކީ، ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށް ވަކިވެދިޔަ ބޭކަލުންގެ ދިރިއުޅުއްވުމާއި، ގައުމަށްޓަކައި ކުރެއްވި އަގުހުރި ހިދުމަތްތަކާއި، އިންސާނިއްޔަތަށް ފޯރުކޮށްދެއްވި އެހީތެރިކަމުގެ އިތުރުން، އެ ބޭކަލުން ނަގަހައްޓަވަން މަސައްކަތްކުރެއްވި މަތިވެރި ސިފަތަކުގެ ހަނދާންތައް އާކޮށް، އެއިން ނަމޫނާ ލިބިގަތުމުގެ އަޒުމުއާކުރާ ދުވަހެވެ.
މިއަދު ޒިކުރާއާކުރާ ކޮންމެ ނަމެއްގެ ފަހަތުގައިވަނީ ދަރިއެއް، ބަފައެއް، މައެއް، ފިރިއެއް، އަނތްބެއް، އާއިލާގެ މެންބަރެއް ނުވަތަ ގާތް އެކުވެރިއެކެވެ. އެއީ ކުރިމަގަށް ފޮނި އުންމީދުތަކެއް ކުރަމުންދިޔަ ފުރާނަތަކެކެވެ. އެ ބޭކަލުން ފުލުހުންގެ ޝަރަފުވެރި ޔުނީފޯމް ތުރުކުރެއްވީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮންމެ ފަދަ ނުރައްކާތެރި ހާލަތަކާ ކުރިމަތިލާން ޖެހިދާނެކަން ފުރިހަމައަށް ދެނެތިއްބަވައި، ގައުމީ ހިދުމަތުގެ މަތިވެރި އަޒުމުގައެވެ.
އެ ފުލުހުންގެ ވަކިވުމުގެ ފުން އަސަރު އެންމެ ބޮޑަށް އިހުސާސްކުރަންޖެހެނީ އެ ބޭކަލުންގެ ލޮބުވެތި އާއިލާތަކަށެވެ. އެހެންކަމުން، ދިވެހި ފުލުހުންގެ ޚިދުމަތުން ހަނދާން އާކުރަނީ ވަކިވެދިޔަ ފުލުހުން އެކަންޏެއް ނޫނެވެ. އެ އާއިލާތަކުން ދައްކުވައިދިން ކެތްތެރިކަމާއި، ވެވަޑައިގަތް ބޮޑު ގުރުބާނީގެ ހަނދާންތައް ވެސް އާކުރެވެއެވެ. އެ އާއިލާތަކަކީ އަބަދުވެސް ފުލުހުންގެ މި އާއިލާގެ މުހިންމު ބައެކެވެ.
މި ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި، ސުކޫތެއް ގެނައުމުގެ އިތުރުން، އެ ބޭކަލުންގެ ފުރާނައަށް ހެޔޮ ދުޢާކުރުން ކުރިއަށް ގެންދިއުމާއެކު، މުޅި ރާއްޖޭގައި ފުލުހުންގެ ދިދަ ބައިދަނޑިއަށް ވަނީ ތިރިކޮށްފައެވެ. މީގެ އިތުރުން، މާލެއާއި އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކުގައި ހަނދާނީ ތަފާތު ހަރަކާތްތައް ދަނީ ބާއްވަމުންނެވެ.
މިފަދަ ހަނދާނީ ހަރަކާތްތަކަކީ ފުލުހުންގެ އާއިލާގެ މެދުގައި އޮތް ގުޅުން ބަދަހިކޮށްދޭ މުހިންމު ކަމެކެވެ. އަދި އެ ބޭކަލުން ވެފައިވާ ހުވައާއި، ރައްޔިތުން އެ ބޭކަލުންނާ ހަވާލުކޮށްފައިވާ އަމާނާތާމެދު، މިހާރު ހިދުމަތުގައި ތިއްބެވި ފުލުހުން ފިކުރުހިންގުމަށް ލިބޭ ފުރުސަތެކެވެ.
ވަކިވެދިޔަ ފުލުހެއްގެ ހަނދާނުގައި ބިނާކުރެވޭނެ އެންމެ ވަރުގަދަ ބިނާއަކީ، ހަމައެކަނި ހިލައިން ކަނޑައި ނެގިފައިވާ ބިނާއެއް ނުވަތަ ފޮތެއްގައި ފަވާލެވިފައިވާ ލިޔުމެއް ނޫނެވެ. އެއީ އެ ބޭފުޅުން ދެއްކެވި މަތިވެރި ނަމޫނާގައި ހިފަހައްޓަވައިގެން، މިއަދު ހިދުމަތުގައި ތިއްބެވި ފުލުހުން ދައްކަވާ ސުލޫކާއި އިހުލާސްތެރި އަމަލުތަކެވެ.
ހާލުގައިޖެހިފައިވާ މީހަކަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދޭ ހިނދުގައްޔާއި، ކުޑަކުއްޖަކަށް ރައްކާތެރިކަން ކަށަވަރުކޮށްދޭ ވަގުތުގައްޔާއި، އަނިޔާލިބޭ މީހަކަށް ހިމާޔަތް ހޯދައިދީ މުޖުތަމައުގެ އަމަންއަމާންކަން ދަމަހައްޓާއިރު، އެ ދިރުވައި އާލާކުރެވެނީ ވަކިވެދިޔަ ފުލުހުންގެ މަތިވެރި ޒިކުރާއެވެ. ރައްޔިތުންނާ މެދު އިންސާފާއި އޯގާތެރިކަމާއެކު މުއާމަލާތްކުރުމަކީ، އެ ބޭފުޅުން ދޫކުރެއްވި މަތިވެރި ސިފަތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކުރެވޭނެ އެންމެ މުހިންމު މަސައްކަތެވެ.
އެހެންކަމުން، ޕޮލިސް މެމޯރިއަލް ޑޭއަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ކޮންމެ މުވައްޒަފަކު ވެސް އޯގާތެރި ހިދުމަތެއް ދިނުމަށް ވެފައިވާ އަހުދު އާކުރަންޖެހޭ ދުވަހެކެވެ. މިއީ ފުލުހުންނަށް ލިބިދީފައިވާ ބާރުތަކަކީ ޒިންމާދާރުކަމާއެކު ބޭނުންކުރަންޖެހޭ އެއްޗެއްކަމާއި، ރައްޔިތުންގެ އިތުބާރު ހޯދޭނީ ތެދުވެރިކަމާއި، އަހުލާގާއި، ހިދުމަތުގެ ސަބަބުންކަން ހަނދާންކޮށްދޭ ދުވަހެކެވެ.
އެ ފުލުހުންގެ ނަންފުޅުތަކަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ތާރީހުގެ ބައެކެވެ. އެ ފުލުހުންގެ ގުރުބާނީތަކަކީ އާއިލާތަކާއި، އެކުގައި މަސައްކަތްކުރި މުވައްޒަފުންގެ ހިތްތަކުގައި އަބަދަށް ބިންވަޅު ނެގިފައިވާނެ ކަންކަމެވެ. އެހެން މީހުން ރައްކާތެރިކުރުމަށް އެ ބޭކަލުން ވެވަޑައިގެންނެވި ގުރުބާނީއަކީ، އަންނަން އޮތް ޖީލުތަކުގެ ފުލުހުންނަށް އޮތް މަގު ދައްކައިދޭ އަލިގަދަ ނޫރެކެވެ.
އެ ބޭކަލުން ހިދުމަތްކުރެއްވީ ހިތްވަރާއެކުގައެވެ. ގައުމަށްޓަކައި ގުރުބާންވެވަޑައިގަތީއެވެ. އަޅުގަނޑުމެން އަބަދުވެސް އެ ފުލުހުންގެ ހަނދާންތައް އާކުރާނަމެވެ.