
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ކޮންގް ސިއަންހުއާއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ މައި އިދާރާ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި ބޭއްވުނު މި ބައްދަލުކުރެއްވުމަކީ، ޗައިނާ ސަފީރު ކޮމިޝަނަރ އޮފް ޕޮލިސްގެ އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތެކެވެ.
މި ބައްދަލުކުރެއްވުމުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.އަދި، ދެ ގައުމުގެ ދެމެދުގައި މިހާރު އޮތް ބަދަހި ގުޅުމާއި، އެކި ދާއިރާތަކުން ދެމުންގެންދާ އެއްބާރުލުން ފާހަގަކުރައްވައި، ދިވެހި ފުލުހުންގެ ޚިދުމަތް ކުރިއެރުވުމަށް ޗައިނާ ސަރުކާރުން ދެއްވާ އެހީތެރިކަމަށްޓަކައި ކޮމިޝަނަރ އޮފް ޕޮލިސް ޝުކުރު އަދާކުރެއްވިއެވެ.
މީގެ އިތުރުން، ފުލުހުންގެ މުއައްސަސާގެ ގާބިލުކަން އިތުރުކުރުމަށާއި، އޮޕަރޭޝަނަލް ރެޑިނަސް ހަރުދަނާކުރުމަށްޓަކައި ކުރިއަށް އޮތް ތަނުގައި ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ދެ ބޭފުޅުން ހިޔާލު ބަދަލުކުރެއްވިއެވެ.