
2026 ޖަނަވަރީ 1 އިން ޖޫން 30 އަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅިފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މާލޭގެ އިތުރުން ބްރިޖާއި ހައިވޭގައި މި ހަ މަސްދުވަހުގެ ތެރޭގައި ޖުމްލަ 1،355 އެކްސިޑެންޓް ރެކޯޑުކުރެވިފައިވެއެވެ. މިއީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 7.49 އެކްސިޑެންޓެވެ. މި މުއްދަތުގެ ތެރޭގައި ރެކޯޑުކުރެވިފައިވާ އެކްސިޑެންޓްތަކުގެ ބޮޑު އިންސައްތައެއް، ނުވަތަ ކޮންމެ ފަސް އެކްސިޑެންޓަކުން ހަތަރަކަށްވުރެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ މާލޭގައެވެ. އަދި ހަމައެހެންމެ، އެކްސިޑެންޓްތަކުގެ ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި ހިނގާފައިވަނީ ދުވާލުގެ ވަގުތުތަކުގައެވެ.
މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ހިނގި 1،355 އެކްސިޑެންޓަށް ބަލާއިރު، މަހެއްގެ މައްޗަށް އެވްރެޖްކޮށް ގާތްގަނޑަކަށް 226 (ތަފާސްހިސާބުން 225.8) އެކްސިޑެންޓް ހިނގާފައިވެއެވެ. ދުވާލެއްގެ މައްޗަށް ބަލާނަމަ، މިއީ އެވްރެޖްކޮށް 7.49 (ގާތްގަނޑަކަށް 7 އާއި 8 އާ ދެމެދުގެ އަދަދެއްގެ) އެކްސިޑެންޓެވެ.

މި މުއްދަތުގެ ތެރޭގައި އެންމެ ގިނައިން އެކްސިޑެންޓް ހިނގާފައިވަނީ ޖަނަވަރީ މަހުއެވެ. އެ މަހު 253 އެކްސިޑެންޓް ރެކޯޑުކުރެވިފައިވާއިރު، އެންމެ މަދުން އެކްސިޑެންޓް ރެކޯޑުކުރެވިފައިވަނީ ފެބްރުއަރީ މަހުއެވެ. ފެބްރުއަރީ މަހު ހިނގާފައިވަނީ 191 އެކްސިޑެންޓެވެ. މިއީ އެންމެ ގިނައިން އެކްސިޑެންޓް ހިނގި މަހާއި އެންމެ މަދުން އެކްސިޑެންޓް ހިނގި މަހާ ދެމެދު 62 އެކްސިޑެންޓުގެ ތަފާތެކެވެ.
މަހުން މަހަށް އެކްސިޑެންޓްތަކުގެ އަދަދު ބަދަލުވަމުން ގޮސްފައިވާ ގޮތަށް ބަލާއިރު، ފެބްރުއަރީ މަހަށްފަހު މާރިޗު މަހު އެކްސިޑެންޓްތަކުގެ އަދަދު ވަނީ 45 އެކްސިޑެންޓް އިތުރުވެ، 236 އަށް އަރާފައެވެ. މިއީ 23.56 އިންސައްތައިގެ ގެ އިތުރުވުމެކެވެ. އޭގެ ފަހުން އައި ދެ މަހު ރެކޯޑުކުރެވިފައިވާ އަދަދުތައް ހުރީ ދާދި އެއްވަރެއްގައެވެ. އެގޮތުން އެޕްރީލް މަހު 232 އެކްސިޑެންޓް ރެކޯޑުކުރެވުނުއިރު، މޭ މަހު ރެކޯޑުކުރެވިފައިވަނީ 238 އެކްސިޑެންޓެވެ.
ޖޫން މަހު 205 އެކްސިޑެންޓް ރެކޯޑުކުރެވިފައިވާއިރު، މިއީ މޭ މަހާ އަޅާބަލާއިރު 33 އެކްސިޑެންޓް މަދު، އަދި ޖަނަވަރީ މަހާ އަޅާބަލާއިރު 48 އެކްސިޑެންޓް މަދު އަދަދެކެވެ. މުޅި ހަ މަސްދުވަހުގެ މުއްދަތަށް ބަލާއިރު، ޖަނަވަރީ މަހުގެ އަދަދުތަކާ އަޅާބަލާއިރު ޖޫން މަހުގެ އަދަދުތަކުން 18.97% ގެ ދަށްވުމެއް ވަނީ ރެކޯޑުކުރެވިފައެވެ.
އެކްސިޑެންޓްތަކުގެ ނިސްބަތް ސަރަހައްދުތަކަށް ބަހާލާއިރު، ރެކޯޑުކުރެވިފައިވާ 83.25 އިންސައްތަ (1،128 އެކްސިޑެންޓް) ހިނގާފައިވަނީ މާލޭގައެވެ. އަދި ބްރިޖާއި ހައިވޭ ސަރަޙައްދުގައި ރެކޯޑުކުރެވިފައިވަނީ 16.75 އިންސައްތަ (227 އެކްސިޑެންޓް) އެވެ. މިއީ ހިނގި ކޮންމެ 5 އެކްސިޑެންޓަކުން 4 އަށްވުރެ ގިނަ އެކްސިޑެންޓް މާލޭގެ މަގުތަކުގައި ހިނގާފައިވާކަން ދައްކައިދޭ ނިސްބަތެކެވެ.

ވަގުތަށް ބަލާއިރު، ރެކޯޑުކުރެވުނު 66.49 އިންސައްތަ (901 އެކްސިޑެންޓް) ހިނގާފައިވަނީ ދުވާލުގެ ވަގުތުގައެވެ. އަދި ރޭގަނޑުގެ ވަގުތުތަކުގައި ރެކޯޑުކުރެވިފައިވަނީ 33.51 އިންސައްތަ (454 އެކްސިޑެންޓް) އެވެ. އެހެންކަމުން ދުވާލުގެ ވަގުތުތަކުގައި ރެކޯޑުކުރެވުނު އަދަދު ރޭގަނޑަށްވުރެ 447 އެކްސިޑެންޓް އިތުރުވާއިރު، މިއީ ރޭގަނޑުގެ ވަގުތުތަކާ އަޅާބަލާއިރު ގާތްގަނޑަކަށް ދެގުނަ އިތުރު އަދަދެކެވެ. ދުވާލުގެ ވަގުތުތަކުގައި ހިނގާފައިވާ އެކްސިޑެންޓްތަކުގެ އިންސައްތަ މަތި ނަމަވެސް، މިއީ އެކި ވަގުތުތަކުގައި މަގުތައް ބޭނުންކުރާ އުޅަނދުތަކުގެ ނިސްބަތާ ނުލައި، ވަކި ވަގުތަކީ ނުރައްކާ ބޮޑު ވަގުތެއްކަން މިންކުރެވޭނެ ތަފާސް ހިސާބެއް ނޫނެވެ.
މި މުއްދަތުގެ ތެރޭގައި ހިނގި އެކްސިޑެންޓްތަކާ ގުޅިގެން ރެކޯޑުކުރެވިފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 1،322 މައްސަލައެއްގައި ލިބުނު އަނިޔާ ކުދި (މައިނަރ) އަނިޔާގެ ގޮތުގައި ވަނީ ގިންތިކުރެވިފައެވެ. އަދި 31 މައްސަލައެއްގައި ލިބުނު އަނިޔާ ސީރިއަސް އަނިޔާގެ ގޮތުގައި ގިންތިކުރެވިފައިވާއިރު، މި މުއްދަތުގެ ތެރޭގައި އެކްސިޑެންޓް ތަކުގައި 2 މީހެއްގެ ފުރާނަ ގެއްލިފައިވެއެވެ.

އެކްސިޑެންޓްތަކުގައި ގެއްލުން ލިބުނު އުޅަނދުތަކުގެ އަދަދަށް ބަލާއިރު، ޖުމްލަ 1،482 އުޅަނދަކަށް ގެއްލުން ލިބިފައިވާކަމަށް ރެކޯޑުކުރެވިފައިވެއެވެ.
އުޅަނދުތަކަށް ލިބުނު ގެއްލުމާ ގުޅިގެން އިންޝުއަރެންސްގެ ތެރެއިން ބަދަލުގެ ގޮތުގައި ނަގައިދެވިފައިވާ ފައިސާގެ ޖުމްލައަކީ 3،284،622 ދިވެހި ރުފިޔާ އެވެ. މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 547،437 ރުފިޔާއެވެ. އަދި ރެކޯޑުކުރެވުނު ކޮންމެ އެކްސިޑެންޓް މައްސަލައަކަށް 2،424.07 ރުފިޔާ، އަދި ގެއްލުން ލިބުނު ކޮންމެ އުޅަނދަކަށް ނިސްބަތުން 2،216.34 ރުފިޔާއެވެ. މި އެވްރެޖްތަކަކީ ހިސާބުގެ ނިސްބަތުން ބަހާލެވިފައިވާ އަދަދުތަކަކަށް ވުމާއެކު، މިއީ ހިނގި ކޮންމެ އެކްސިޑެންޓެއްގައި ނުވަތަ ގެއްލުން ލިބުނު ކޮންމެ އުޅަނދަކަށް ބަދަލުގެ ގޮތުގައި ފައިސާ ލިބުނުކަން އަންގައިދޭ އަދަދުތަކެއް ނޫނެވެ.

2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މަގުމަތީގެ ނުރައްކާތެރި ހާދިސާތަކަކީ އަދިވެސް މުޖުތަމައުގައި އޮތް ކަންބޮޑުވުމެކެވެ. މި ރިޕޯޓުގައި ހިމަނާފައިވަނީ މި މުއްދަތުގެ ތެރޭގައި ހަމައެކަނި މާލެ ސަރަހައްދާއި، ސިނަމާލެ ބްރިޖު އަދި ހައިވޭގައި ހިނގާފައިވާ އެކްސިޑެންޓްތަކުގެ މައުލޫމާތެވެ. އެކްސިޑެންޓްތައް މަދުކޮށް މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ދަތުރުފަތުރުކުރާ ހުރިހާ ފަރާތްތަކުން ޓްރެފިކް ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަކީ މުހިންމު ކަމެކެވެ.