
ކުއްލި ނުރައްކަލުގެ ހާލަތްތަކާއި ބޮޑެތި ހާދިސާތަކުގައި އެކި މުއައްސަސާތައް ގުޅިގެން ހަރަކާތްތެރިވާނެ ގޮތުގެ ނިޒާމު ހަރުދަނާކުރުމަށް، "ސްޓްރަކްޗަރޑް އެޕްރޯޗް ޓު މޭޖަރ އިންސިޑެންޓް މެނޭޖްމަންޓް" (ސެމީ) ގެ ނަމުގައި ހާއްސަ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. ދިވެހިރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައިކޮމިޝަނާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ހޯސްޓްކޮށްފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުންނެވެ.
ތިން ދުވަހު މުއްދަތަށް ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގައި، ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ އިދާރާތަކާއި، ސިއްހީ ދާއިރާގެ އިތުރުން ގުޅުންހުރި ދާއިރާތަކުން ޖުމްލަ 26 ބައިވެރިން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އިތުރުން މާލެ އާއި ހުޅުމާލޭގެ ހޮސްޕިޓަލްތަކުގެ މަންދޫބުން ހިމެނެއެވެ.
މި ތަމްރީނުތަކުގައި ކިޔަވައިދެއްވީ، ކުއްލި ނުރައްކަލުގެ ހާލަތްތަކާއި ކާރިސާތަކުގައި ކޮމާންޑްކުރުމާއި އޮޕަރޭޝަނަލް ދާއިރާއިން ތަޖުރިބާކާރު އިނގިރޭސިވިލާތުގެ މާހިރެކެވެ. މި ޕްރޮގްރާމަކީ ބޮޑެތި ހާދިސާތަކުގައި ގިނަ މުއައްސަސާތައް ގުޅިގެން ކޮމާންޑް ސްޓްރަކްޗަރތައް ބޭނުންކުރުމަށާއި، ގުޅިގެން ނިންމުންތައް ނިންމުމުގެ އިތުރުން، ފުރާނައަށް ނުރައްކާވާފަދަ ހާލަތްތަކުގައި އަވަސް ފިޔަވަޅުތައް އެޅުމަށް ހާއްސަ ސަމާލުކަމެއް ދީގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ސަބަބުން، އަނިޔާވާ މީހުންނަށް ފަރުވާދިނުމުގައި އިސްކަންދޭނެ ތަރުތީބު (ޓްރަޔާޖް) ކަނޑައެޅުމާއި، ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމާއި، އަދި ހާދިސާގެ އެންމެ ނާޒުކު ދަނޑިވަޅުތަކުގައި ހަލުވިކަމާއެކު ރަނގަޅު ނިންމުންތައް ނިންމުމަށް މަގުފަހިވެގެންދާނެއެވެ.

މި ޕްރޮގްރާމާ ގުޅޭގޮތުން، ޔޫ.ކޭ ޕްރޮޓެކްޓިވް ސެކިއުރިޓީ އެންޑް އެޓޭކް ރެސްޕޮންސް ޕްރޮގްރާމް ކޯޑިނޭޓަރ، މެޓް ޕޮޓްސް ވިދާޅުވީ، މި ތަމްރީނުގައި ދިވެހިރާއްޖޭގެ މުއައްސަސާތަކުން ބައިވެރިވުމުން ދައްކުވައިދެނީ، ކުއްލި ހާލަތްތަކުގައި އެކި އިދާރާތައް ގުޅިގެން އެކަށީގެންވާ ގޮތެއްގައި މަސައްކަތްކުރުމަށް އެ އިދާރާތަކުން ދޭ އަހައްމިއްޔަތުކަން ކަމަށެވެ. އަދި އިނގިރޭސިވިލާތުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންދާ އެމަރޖެންސީ ޕްރިޕެއަރޑްނެސް ޕްރޮގްރާމުގެ ދަށުން، މިފަދަ ގާބިލުކަން އިތުރުކުރުމުގެ ފުރުސަތެއް ފަހިކޮށްދެވުނީތީ އުފާކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ތަމްރީނުގެ ސަބަބުން، ނުރައްކާތެރި އެކްސިޑެންޓްތަކާއި، އަލިފާނުގެ ހާދިސާތަކާއި، މޫސުމީ ބޮޑެތި ކާރިސާތަކުގެ އިތުރުން ގިނަ ބަޔަކަށް އެއްފަހަރާ އަނިޔާވާފަދަ ހާދިސާތަކުގައި އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާވެ، އަވަހަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ.
މި ޕްރޮގްރާމަކީ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ބަދަހި ގުޅުމުގެ ތެރެއިން، ރައްކާތެރިކަމާއި ކުއްލި ހާލަތްތަކަށް ތައްޔާރުވުމުގެ ގާބިލުކަން އިތުރުކުރުމަށް ކުރިއަށް ގެންދެވުނު ޕްރޮގްރާމެކެވެ. އަދި އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކުރިއެރުވުމަށް އިނގިރޭސިވިލާތުން ދެމުންގެންދާ އެހީތެރިކަމުގެ ދަށުން، ކުރިއަށް އޮތް ތަނުގައިވެސް ގުޅިފައިވާ އިތުރު ތަމްރީނުތަކާއި ގާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.