
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، ތ. ބުރުނީ ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ފުލުހުންގެ މައި އިދާރާ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ގައި އޮތް މި ބައްދަލުވުމުގައި ބުރުނީގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ މުހިންމު ކަންކަމާ ގުޅޭގޮތުން ދެފަރާތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން، ބުރުނީގައި މަސައްކަތްކުރާ ފުލުހުންގެ އަދަދު އިތުރުކުރުމުގެ މުހިންމުކަމާއި، މިހާރު އެރަށުގައި އިމާރާތް ކުރަމުންދާ އައު ޕޮލިސް ފެސިލިޓީގެ މަސައްކަތް އަވަސްކޮށްދިނުމަށް ކައުންސިލްގެ ފަރާތުން ކޮމިޝަނަރއަށް ހުށަހެޅުއްވިއެވެ.
މީގެ އިތުރުން، ބުރުނީގައި މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވަމުންދާތީ އެކަމާ މެދު ކައުންސިލުން ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި މި މައްސަލަ ހައްލުކުރުމަށްޓަކައި ފުލުހުންނާއި ކައުންސިލް ގުޅިގެން ކުރާ މަސައްކަތްތައް މިހާރަށްވުރެ ބޮޑަށް ވަރުގަދަކުރުމުގެ މުހިންމުކަމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވާހަކަދެކެވުނެވެ.
ބުރުނީގައި މަސައްކަތްކުރާ ފުލުހުން ރަށުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަމުންދާ މަސައްކަތްތަކާއި ދެމުންދާ ޚިދުމަތްތައް ފާހަގަކުރައްވައި، ކައުންސިލްގެ ފަރާތުން ވަނީ ފުލުހުންނަށް ޝުކުރު އަދާކުރައްވާފައެވެ. ބައްދަލުވުން ނިންމަވާލެއްވީ ރަށުގެ އަމާންކަން ދެމެހެއްޓުމަށާއި، ކޮމިއުނިޓީ ޕޮލިސިންގ ވަރުގަދަކުރުމަށް ދެފަރާތް ގުޅިގެން ގާތުން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުންނެވެ.
މި ބައްދަލުވުމުގައި ތ. ބުރުނީ ކައުންސިލްގެ ރައީސް އާދަމް މުޙައްމަދާއި، ނައިބު ރައީސް މުޙައްމަދު ރަމީޒާއި، ކައުންސިލް މެންބަރު ޙައްވާ ފަރީޝާންގެ އިތުރުން ކައުންސިލް އެގްޒެކެޓިވް އިސްމާޢީލް އުޘްމާން ބައިވެރިވެވަޑައިގެންނެވިއެވެ.