
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ހިންގި “ސެޓިފައިޑް ޓްރެއިނިންގ ކޯސް-16، ފަސްޓްލައިން މެނޭޖްމަންޓް ކޯސް-16، އިލެކްޓްރޯނިކް އެވިޑެންސް ޓްރެއިނިންގ ކޯސް- 2 އަދި ފައުންޑޭޝަންސް އޮފް އިންޓެލިޖެންސް ފޮރ ލޯ އެންފޯސްމަންޓް ކޯސް-2” ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
އޮގަސްޓް 3 ވަނަ ދުވަހު އިސްކަންދަރު ބިލްޑިންގގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރަޝީދުއެވެ. މި ރަސްމިއްޔާތުގައި ކޮލެޖުގެ އެގްޒެކެޓިވް ޑިރެކްޓަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙްމާންއާއި ފުލުހުންގެ ބައެއް އިސްވެރިންނާއި ކޯސްތަކުގެ މުދައްރިބުންގެ އިތުރުން ދަރިވަރުން ބައިވެރިވެލެއްވިއެވެ.

މި ކޯސްތަކުގެ ތެރެއިން ސެޓިފައިޑް ޓްރެއިނިންގ ކޯސް ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ޖުލައި މަހުގެ 5 އިން 16 އަށެވެ. މި ކޯސް ފުރިހަމަކޮށްފައިވަނީ 15 ފުލުހުންނާއި މޯލްޑިވްސް ކަސްޓަމް ސާވިސްގެ ދެ މުވައްޒަފުންނެވެ. މި ކޯހުން އެއްވަނަ ހާސިލުކޮށްފައި ވަނީ އިންސްޕެކްޓަރ އޮފް ޕޮލިސް ހާމިދާ ޢަބްދުލްއަލީމްއެވެ. ސެޓިފައިޑް ޓްރެއިނިންގ ކޯހަކީ ބޮޑެތި މީހުންނަށް އުނގަންނައިދިނުމުގެ އަސާސީ އުސޫލުތަކާިއ. ފިލާވަޅުތައް ތަރުތީބުކޮށް ފޯރުކޮށްދޭނެ ފަންނީ ގޮތްތައް ދަސްކޮށްދިނުމާއި، ކިޔަވައިދިނުމަށް ބޭނުންވާނެ އިލްމާއި ހުނަރު އަދި ސަނަދުލިބިފައިވާ މުދައްރިބުން ބިނާކުރުމަށް ހިންގުނު ކޯހެކެވެ. މި ކޯހުގެ ސަބަބުން، ފެންވަރު ރަނގަޅު ތަމްރީނުތަކެއް ފޯރުކޮށްދޭނެ ގާބިލު އަދި ހުނަރުވެރި ޕްރޮފެޝަނަލް މުދައްރިބުންތަކެއް އުފެދިގެންދާނެއެވެ.
ފަސްޓްލައިން މެނޭޖްމަންޓް ކޯހަކީ މެނޭޖަރުންގެ ފަންތީގައި މަސައްކަތްކުރާ ފުލުހުންނަށް އަމާޒުކުރެވިގެން ހިންގާ ކޯހެކެވެ. ގާނޫނު ތަންފިޒުކުރުމަށް ބޭނުންވާ ޒަމާނީ އިލްމާއި ހުނަރު މި ކޯހުގެ ތެރެއިން ބައިވެރިންނަށް ފޯރުކޮށްދެވިފައިވެއެވެ. މި ކޯސް ކުރިއަށް ގެންގޮސްފައި ވަނީ މި އަހަރުގެ ޖޫން 14 އިން ޖުލައި 12 އަށެވެ. 25 ފުލުހުން ބައިވެރިވި މި ކޯހުން އެއްވަނަ ހާސިލްކޮށްފައި ވަނީ ސީނިއަރ ސާޖެންޓް އަހްމަދު ޒަކީއެވެ.

އިލެކްޓްރޯނިކް އެވިޑެންސް ޓްރެއިނިންގ ކޯހަކީ ޖިނާއީ ތަހުގީގުތަކުގައި އިލެކްޓްރޯނިކް ހެކި ފައިދާހުރި ގޮތެއްގައި ބޭނުންކުރުމާއި ތަހުގީގު ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ހުނަރު އިތުރަށް ތަރައްގީކުރުމަށް ހިންގާ ކޯހެކެވެ. މި ކޯހުގައި ޑޭޓާ ހޯދައި ރައްކާކުރުމުގެ އުސޫލުތަކާއި ޑޭޓާ އެންކްރިޕްޝަން ކުރުމާއި އިލެކްޓްރޯނިކް ހެކިތަކުގެ ޕޮޓެންޝަލް ސޯސްތައް ދެނެގަންނާނެ ގޮތްތައް އުނގަންނައިދީފައިވެއެވެ. މި ކޯސް ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ޖުލައި މަހުގެ 19 އިން 22 އަށް ކުރިއަށް ގެންދިޔަ މި ކޯސް 35 ފުލުހުން ފުރިހަމަކޮށްފައިވެއެވެ.
ފައުންޑޭޝަން އޮފް އިންޓެލިޖެންސް ފޮރ ލޯ އެންފޯސްމަންޓް ކޯހަކީ އިންޓެލިޖެންސް މައުލޫމާތު އެއްކުރުމާއި ތަހުލީލުކުރުމާ އަދި އެ މައުލޫމާތު ހިއްސާކުރުމާ ގުޅޭ މުހިންމު އިލްމާއި ހުނަރު އުނގަންނައިދިނުމަށް ފަރުމާކޮށްފައިވާ ކޯހެކެވެ. މި ކޯހުގެ ތެރެއިން، އިންޓެލިޖެންސް ކަންކަން ރާވާނެގޮތާއި، މައުލޫމާތު އެއްކުރާނެ ގޮތާއި، މި ކަންތައްތަކުގެ އެކި މަރުހަލާތަކާއި، ލިބޭ މައުލޫމާތު ތަހުލީލުކުރާނެގޮތާއި، މައުލޫމާތު ހިއްސާކުރުމާއި ސްޓްރެޓީޖިކް، ޓެކްޓިކަލް އަދި އޮޕަރޭޝަނަލް ޓެކްޓިކްސް ފަދަ ބައިތައް އުނގަންނައިދީފައިވެއެވެ. މި އަހަރުގެ އޭޕްރީލް 19 އިން ޖޫން 3 އަށް ކުރިއަށް ގެންދިޔަ މި ކޯސް 30 މުވައްޒަފުން ފުރިހަމަކޮށްފައިވެއެވެ. މި ކޯހުން އެއްވަނަ ހާސިލުކޮށްފައި ވަނީ ސީނިއަރ އިންޓެލިޖެންސް އޮޕަރޭޝަންސް އޮފިސަރ މުޙައްމަދު ހައްސާންއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށާއި ޒިންމާދާރު ފުލުހުންތަކެއް ބިނާކުރުމުގެ ގޮތުން ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ގެންދަނީ ޒަމާނީ ފުލުހުންގެ ހިދުމަތަށް ބޭނުންވާ މިފަދަ ތަފާތު ކޯސްތަކާއި ތަމްރީނު ޕްރޮގްރާމްތައް ހިންގަމުންނެވެ.