
ބ. މާޅޮހުގައި ގެސްޓުހައުސް ވިޔަފާރިކުރާ ފަރާތްތައް ސްކޭމްގެ މައްސަލަތަކުން ރައްކާތެރިކުރުމަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މި އޮގަސްޓު މަހުގެ 4 ވަނަ ދުވަހު މާޅޮހު ފުލުހުން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، އެ ރަށުގައި ހިންގާ ގެސްޓުހައުސްތަކަށް ޒިޔާރަތްކޮށް ވެރިފަރާތްތަކާ ބައްދަލުކޮށް މައުލޫމާތު ދީފައިވެއެވެ.
އެގޮތުން، އޮންލައިން ވިޔަފާރީގެ ސްކޭމްތަކާއި، ގެސްޓުހައުސް ހިންގާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ، ބުކިންގ ކެންސަލްކޮށް ރިފަންޑް ހޯދުމުގެ ސްކޭމްތަކާއި އެފަދަ މައްސަލަތަކުން ރައްކާތެރިވެތިބުމަށް ކުރެވިދާނެ ކަންކަން ކިޔައިދީފައިވެއެވެ. އަދި އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށްކުރާ މުއާމަލާތްތަކުގެ ސައްހަކަން ކަށަވަރުކުރުމަށާއި ސަމާލުކަންދޭންޖެހޭ ކަންކަން ކިޔައިދީފައިވެއެވެ.
އޭގެ އިތުރުން، ބޭރު ފައިސާގެ މުއާމަލާތްތައް ކުރާއިރު ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ދިނުމާއެކު ސްކޭމްގެ އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ ފުލުހުންނަށް ރިޕޯޓުކުރުމަށް އިރުޝާދުދީފައިވެއެވެ.