
ފ. އަތޮޅު މަދަރުސާގެ ދަރިވަރުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރިކުރުވުމުގެ މަގުސަދުގައި ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
މި ހިނގާ އޮގަސްޓު މަހުގެ 4 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަނަކީ، ފ. އަތޮޅު ރަށްރަށުގެ ސުކޫލުތަކުގެ ދަރިވަރުން މަގުމަތީގެ ސަލާމަތަށް ހޭލުންތެރިކުރުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ސެޝަނެކެވެ. މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ފީއަލީ ޕޮލިސް ޕޯސްޓާއި ފ. އަތޮޅު މަދަރުސާ ގުޅިގެންނެވެ.
މި ސެޝަންގައި މައުލޫމާތު ދީފައިވަނީ އެ މަދަރުސާގެ ގުރޭޑު 7 އިން މަތީގެ ދަރިވަރުންނަށެވެ. އެގޮތުން، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭ މައުލޫމާތުގެ އިތުރުން، މަގުމަތީގައި ދިމާވާ ނުރައްކާތެރި ހާދިސާތަކާއި އެފަދަ ކަންކަމުން ދަރިވަރުން ރައްކާތެރިވާނެ ގޮތްތަކުގެ މައުލޫމާތު އުމުރާ ގުޅޭގޮތަށް ވަނީ ހިއްސާކޮށްފައެވެ.
މީގެ އިތުރުން، މަގުމަތީގައި ބަހައްޓާފައި ހުންނަ ޓްރެފިކް ނިޝާންތަކަށާއި، މަގުމަތި ބެލެހެއްޓުމުގައި ފުލުހުން ބޭނުންކުރާ ޓްރެފިކް އިޝާރާތްތަކަށް ސަމާލުކަން ދިނުމުގެ މުހިންމުކަމާ ގުޅޭގޮތުން ވެސް މި ސެޝަންގައި މައުލޫމާތު ދީފައިވެއެވެ.
މި ސެޝަންގައި އެ މަދަރުސާގެ ޖުމުލަ 68 ދަރިވަރަކު ބައިވެރިވެފައިވެއެވެ. ފުލުހުން ދަނީ އަތޮޅުތެރޭގެ އެކި ރަށްރަށުގެ ސުކޫލުތަކުގެ ދަރިވަރުންނަށް އަމާޒުކޮށް މިފަދަ ގިނަ ހަރަކާތްތަކެއް ސިލްސިލާކޮށް ހިންގަމުންނެވެ.