
ފުލުހުންގެ ޚިދުމަތަށް ހުށަހެޅިފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން ކޭސްކުރެވިފައިވާ މައްސަލަތަކުގެ ތަހުލީލު މަރުހަލާ ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރަލާއި، ޑްރަގް އެންފޯސްމަންޓާއި، ޓޫރިސްޓު ޕޮލިހާއި، ހުޅުމާލެ ޕޮލިހުގެ ބެލުމުގެދަށަށް، ތުހުމަތުކުރެވޭ ފަރާތެއް ނެތްގޮތަށް ގެނެވިފައިވާ އިންސިޑެންޓްތަކުގައި ހިމެނޭ ބަނގުރަލާ ނައްތައިލައިފިއެވެ.

ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ. ނައްތައިލި އެހެނިހެން ތަކެތީގެ ތެރޭގައި، ދަބަސް، ފޮށި، ފޮތިކޮތަޅާއި ކަރުދާސްކޮތަޅު އަދި ޕުލާސްޓިކްކޮތަޅު ފަދަ ތަކެތި ހިމެނެއެވެ. މި ތަކެއްޗަކީ 21 އިންސިޑެއްޓެއްގައި ހިމެނޭ ބަނގުރަލާއި ކޭސް ކުރެވިފައިވާ 15 މައްސަލައެއްގައި ހިމެނޭ ބަނގުރަލެވެ.
ބަނގުރާ ނައްތައިލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތައިލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުންނެވެ.