
“ރައްކާތެރި އިންޓަނެޓް - މާދަމާގެ މުސްތަގުބަލު” ނަމުގައި ރ. ދުވާފަރުގައި ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފިއެވެ.
މި އޮގަސްޓު މަހުގެ 8 ވަނަ ދުވަހު މި ވޯކްޝޮޕް ކުރިއަށް ގެންގޮސްފައިވަނީ ސައިބަރ ސެންޓަރާއި، ދުވާފަރު ޕޮލިސް ސްޓޭޝަނާއި، ކައުންސިލާއި، ދުވާފަރު ޕްރައިމަރީ ސުކޫލު އަދި ޓައިނީ ސްޓަރ ޕްރީ ސުކޫލު ގުޅިގެންނެވެ.
ބެލެނިވެރިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްގައި، ރައްކާތެރިކަމާއެކު އިންޓަނެޓް ބޭނުންކުރާނެގޮތާއި، ދަރިން ބޭނުންކުރާ އިލެކްޓްރޯނިކްސް ޑިވައިސްތައް މޮނީޓަރކުރާނެ ގޮތްތައް ކިޔައިދީފައިވެއެވެ. އަދި ފޯނުގެ ސެކިއުރިޓީ ފީޗާސްތައް ކިޔައިދީ އެކި އެޕްލިކޭޝަންތަކުގެ ސެޓިންގ ހަދާނެގޮތްތައް ވަރަށް ތަފުސީލުކޮށް ކިޔައިދީފައިވެއެވެ.
އޭގެ އިތުރުން، ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރުމަށް ދަރިންނަށް ބުނެދިނުމަށާއި އިންޓަނެޓް މެދުވެރިކޮށް ކުރިމަތިވެދާނެ ނޭދެވޭ ކަންކަމުން އެ ކުދިން ރައްކާތެރިކުރުމަށް ބެލެނިވެރިން މަސައްކަތްކުރާނެ ގޮތްތައް ކިޔައިދީފައިވެއެވެ. އަދި ސޯޝަލް މީޑިއާއިން ބައްދަލުވާ ނުދަންނަ މީހުންނާ ވާހަކަ ނުދެއްކުމަށާއި ޒާތީ މައުލޫމާތާއި ފޮޓޯ، ވީޑިއޯ އެއްވެސް މީހަކާ ހިއްސާނުކުރުމަށް ދަރިންނަށް ބުނެދިނުމަށާއި، ގްރޫމްކުރުމާއި، ބްލެކްމެއިލްކުރުން ފަދަ އެއްވެސް ކަމެއް ކުރިމަތިވެއްޖެނަމަ އެކަން ސިއްރުނުކޮށް ބެލެނިވެރިންނާ ހިއްސާކުރުމަށް ދަރިންނަށް ބުނެދިނުމަށް ނަސޭހަތްތެރިވެފައިވެއެވެ.
މި ވޯކްޝޮޕްގައި، ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރުމަށާއި، އެޕްލިކޭޝަންތަކުގެ ސެކިއުރިޓީ ފީޗާސްތަކަށް ބެލެނިވެރިން އަހުލުވެރިވެފައިވާ މިންވަރު ބެލުމަށް ގުރޫޕް މަސައްކަތްތަކާއި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެއެވެ. މި ވޯކްޝޮޕްގައި 64 ބެލެނިވެރިން ބައިވެރިވިއެވެ.