
ކުށްމަދު އަމާން ރައްކާތެރި މުޖުތަމައެއް ބިނާކުރުމަށްޓަކައި ފަރުދީ ޒިންމާ އަދާކުރުމަށް ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުން ހޭލުންތެރިކުރުވުމަށް ކުރިއަށްގެންދާ ”އަރުތަ” ޕްރޮގްރާމް މާލެ، ފެނަކަ ކޯޕަރޭޝަން މުވައްޒަފުންނަށް ކުރިއަށް ގެންގޮސްފިއެވެ.
މި މަހު 6 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި، ވަގުތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައިގެން، ކުރަންޖެހޭ މަސައްކަތްތައް ތަރުތީބުކޮށް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވައި މައުލޫމާތު ދީފައިވެއެވެ. އަދި ކަނޑައެޅިފައިވާ ލަނޑުދަނޑިތަކަށް ފަސޭހަކަމާއެކު ވާސިލުވުމަށްޓަކައި އެންމެ މުހިންމު ކަންކަމަށް އިސްކަންދިނުމަށާއި ދިރިއުޅުމުގެ އަދަބުތަކާއި އޮފީސް މާހައުލުގައި ދިމާވާ ކަންކަމާ ކުރިމަތިލައި މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރާނެ ގޮތުގެ މައުލޫމާތު ދީފައިވެއެވެ. އަދި ލީޑަރޝިޕް ހުނަރުތަކާއި ކްރިޓިކަލް ތިންކިންގ އަދި އޮފީސް މާހައުލުގައި ދިމާވާ ކަންކަމުގެ ސަބަބުން އަމިއްލަ ނަފުސަށް ލިބޭ ހާސްކަމާއި ކުރެވޭ ފިކުރުތަކުން ފަސޭހަކަމާއެކު ދުރަށްދާނެ ގޮތްތަކުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވެއެވެ.
ހަމައެހެންމެ، ދިރިއުޅުމުގައި ދިމާވާ އެކި ކަންކަމުގައި ގޮތް ނިންމާއިރު ވިސްނަންޖެހޭ ކަންކަމާ ގުޅޭގޮތުން ވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ރަނގަޅު ނަތީޖާ ނެރުމަށް ހުނަރު ތަރައްގީކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ. މީގެ އިތުރުން ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ މުހިންމުކަން ބުނެދިނުމާއެކު ޓީމް ބިލްޑިންގ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
ޗަމްޕާ ސެންޓްރަލް ހޮޓެލްއާއި ކުޑަގިރީގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމަންްޓާއި ފެނަކަ ކޯޕަރޭޝަން ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ފެނަކަ ކޯޕަރޭޝަންގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން އޮފީސްތަކުގެ މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ އެކަކު އަނެކަކަށް ކުރާ އިތުބާރާއި މުއާމަލާތްކުރުމުގެ ހުނަރު އިތުރުވެ ގުޅިގެން މަސައްކަތްކުރުމުގެ ރޫހު އާލާވުމަށް އެހީތެރިވެދޭނެއެވެ.