
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، ޕޮލިސް ބެޑްމިންޓަން ޗެމްޕިއަންސް ޓީމާ ބައްދަލުކުރައްވައިފިއެވެ.
މި އޮގަސްޓު މަހުގެ 11 ވަނަ ދުވަހު ބޭއްވި މި ބައްދަލުކުރެއްވުމަކީ ސަރުކާރު އޮފީސް / ކުންފުނިތަކުގެ “ބެޑްމިންޓަން ޗެމްޕިއަންޝިޕް 2026” ގެ ޗެމްޕިއަންކަން ދިވެހި ފުލުހުންގެ ޚިދުމަތުން ހޯދުމާ ގުޅިގެން ޓީމަށް މަރުހަބާ ދެންނެވުމަށް ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި، ބެޑްމިންޓަން ޓީމުން ޗެމްޕިއަންކަން ހޯދައި މުއައްސަސާއަށް ރީތިނަން ހޯދައިދީފައިވާތީ، އެކަމާ އުފާކުރައްވައި ކުޅުންތެރިން ކުރި ބުރަ މަސައްކަތާއި ދެއްކި ހިތްވަރަށް ސާބަސްދެއްވިއެވެ. އަދި ޓީމުގެ ހުރިހާ ބައިވެރިންނަށް ވަކިވަކިން މަރުހަބާ ދަންނަވައި، ކުރިއަށްހުރި މުބާރާތްތަކުން ވެސް މުއައްސަސާއަށް ކާމިޔާބު ހޯދައި ދިނުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ހިތްވަރުދެއްވިއެވެ.
މި ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ޕޮލިސް ކުލަބުގެ ރައީސް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރަޝީދުއާއި، ބައެއް ސީނިއަރ އޮފިސަރުން ވެސް ޓީމަށް ހޫނު މަރުހަބާއެއް ދަންނަވާފައިވެއެވެ.