
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ސައިބަރ ސެކިއުރިޓީގެ ހެޑް، ޑރ. މުޙައްމަދު އަލް ކުވެއިތީ އާއި އެ ޤައުމުގެ އިސްވެރިންގެ މައްޗަށް އެކުލެވޭ ވަފުދާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ޔޫ.އޭ.އީގެ ވަފުދުން މިހާރު ދިވެހިރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. އިސްކަންދަރު ބިލްޑިންގގައި ބޭއްވުނު މި ބައްދަލުވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި، ދެފަރާތުގެ ދެމެދުގައި އޮތް ގާތް ގުޅުން ފާހަގަކުރައްވައި، ޔޫ.އޭ.އީ އިން ދިވެހި ފުލުހުންނަށް ދެއްވަމުންދާ އެހީތެރިކަމަށްޓަކައި ކޮމިޝަނަރ އޮފް ޕޮލިސް ޝުކުރު އަދާކުރެއްވިއެވެ.
ބައްދަލުވުމުގެ މަޝްވަރާތައް ބިނާކޮށްފައިވަނީ ޔޫ.އޭ.އީ ސަރުކާރުގެ އެހީތެރިކަމާއެކު ދިވެހި ފުލުހުންގެ އިންވެސްޓިގޭޝަން އަދި އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކުރުމަށް މިހާރު ކުރިއަށްދާ ޕްރޮޖެކްޓުތަކާ ގުޅޭގޮތުންނެވެ. އަދި މި މަސައްކަތްތައް ކުރިއަށް އޮތް ތަނުގައި އިތުރަށް ހަރުދަނާކުރެވިދާނެ ގޮތްތަކާ މެދު ދެފަރާތުން ފުޅާދާއިރާއެއްގައި ހިޔާލު ބަދަލުކުރެއްވިއެވެ.
މީގެ އިތުރުން، ފުލުހުންގެ އިންސާނީ ވަސީލަތް ބިނާކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވައި، ދިވެހި ފުލުހުންނަށް ބޭނުންވާ އިތުރު ތަމްރީނުތައް ފޯރުކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ. ހާއްސަކޮށް، ދުނިޔޭގެ ޓެކްނޮލޮޖީއަށް އަންނަމުންދާ ހަލުވި ބަދަލުތަކާއެކު ސައިބަރ ސެކިއުރިޓީ ވަރުގަދަކުރުމުގެ މުހިންމުކަން ފާހަގަކޮށް، ފުލުހުންގެ ސައިބަރ ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރު އިތުރަށް ތަރައްގީކޮށް ހަރުދަނާކުރުމާ ގުޅޭގޮތުން ވެސް ވާހަކަދެކެވުނެވެ.
ޔޫއޭއީގެ ވަފުދުގެ މި ދަތުރުގައި ކޮމިޝަނަރ އޮފް ޕޮލިސްގެ އިތުރުން، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާނާވެސް ބައްދަލުކުރައްވާފައިވެއެވެ.