
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، ގދ. ތިނަދޫ ސިޓީއަށް ޒިޔާރަތްކުރައްވައި އެ ސިޓީގައި މަސައްކަތްކުރާ ފުލުހުންނާއި މުވައްޒަފުންނާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސްގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި، ކްރައިމް ކޮމާންޑްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޖަމްޝީދާއި ސައުތު ޕޮލިސްގެ ކޮމާންޑަރ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝާކިރާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ބައެއް އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ތިނަދޫ ޕޮލިސް ސްޓޭޝަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ފުލުހުންގެ މަސައްކަތްތައް ބައްޓަންކުރަންވީ ގޮތާއި، މަސައްކަތުގެ ވައްޓަފާޅި އަދި އަހުލާގީ މިންގަނޑުތައް ހިފެހެއްޓުމާ ގުޅޭގޮތުން ކޮމިޝަނަރ އިރުޝާދު ދެއްވިއެވެ. މީގެ ކުރިން އެ ރީޖަންގައި މަސައްކަތްޕުޅު ކުރެއްވި ދުވަސްތަކުގެ ހަނދާންތައް އާކުރައްވަމުން، އޭރުގެ ހާލަތާއި މިހާރުގެ ހާލަތަށް ބައްލަވައި، ހުރި ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައިގެން ރައްޔިތުން އުންމީދުކުރާ ފަދަ ނަތީޖާއެއް ނެރުމަށް ގަދައަޅައި މަސައްކަތްކުރުމަށް ކޮމިޝަނަރ ހިތްވަރު ދެއްވިއެވެ.
މީގެ އިތުރުން، ތަޖުރިބާކާރު، ހިދުމަތުގައި ދުވަސްވީ ފުލުހުންގެ ފަރާތުން އަލަށް ހިދުމަތާ ގުޅިފައިވާ ފުލުހުންނަށް ކަންކަން ދަސްކޮށްދީ، ނަމޫނާ ބަޔަކަށް ވުމަށް ކޮމިޝަނަރ އެދިލެއްވިއެވެ. އަދި އަލަށް އިމާރާތްކުރާ މަރުކަޒުގެ މަސައްކަތް ނިމުމުން، މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި، ހައްޔަރުކުރެވޭ މީހުން ބެލެހެއްޓުމުގައި ހުރި ގޮންޖެހުންތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ދެއްކެވި ވާހަކަފުޅުގައި، ތިނަދޫ ސިޓީގެ ފުލުހުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި އެކަމަށް ތައުރީފު ކުރެއްވިއެވެ. އަދި އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު ހިދުމަތުގައި ދެމިތިބުމަށާއި، އަޕަރ ސައުތު ޕޮލިސްގެ ގއ. އަދި ގދ. ކޮމާންޑަރުން ގުޅިގެން ވަސީލަތްތައް އެންމެ އެދެވޭ ގޮތެއްގައި ބޭނުންކުރުމަށް މަސައްކަތްކުރެއްވުމަށް އެދިލެއްވިއެވެ.
މި ޒިޔާރަތުގައި ތިނަދޫ ސިޓީގައި އަލަށް އިމާރާތްކުރަމުންދާ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ގޮސްފައިވާ ހިސާބު ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި ދާހިލީ ސަލާމަތާއި، މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ބައްލަވައިލެއްވިއެވެ. އަދި މަސައްކަތައް އަވަސް ކުރެއްވުމަށް ކުރެވެންހުރި ކަންތައްތަކާ ގުޅޭގޮތުން ކޮންޓްރެކްޓަރާއެކު މަޝްވަރާ ކުރެއްވިއެވެ.