
ސައުތު ޕޮލިސް އާއި ސައުތު ސެންޓްރަލް ޕޮލިސްގެ ފުލުހުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ، "ބްލޫސް ރީޓްރެއިނިންގ ޕްރޮގްރާމް" ގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މިއީ މި ތަމްރީން ޕްރޮގްރާމްގެ 4 ވަނަ ބުރެވެ.
2026 އޮގަސްޓް 13 ވަނަ ދުވަހު ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ) ދ. ވާނީ ކެމްޕަހުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހެޑް އޮފް ސަދަން ޕޮލިސް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރަޝީދެވެ.
މި ތަމްރީނު ޕްރޮގްރާމަކީ ޒަމާނީ ފުލުހުންގެ ޚިދުމަތަށް އަންނަ ބަދަލުތަކަށް އޮފިސަރުން އަހުލުވެރިކުރުވައި، އިލްމާއި، ސުލޫކީ މިންގަނޑުތަކާއި، ލީޑަރޝިޕް އަދި އޮޕަރޭޝަނަލް ގާބިލުކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެގޮތުން ތިއަރީ ސެޝަންތަކާއި، އަމަލީ ތަމްރީނުތަކާއި، ސިނާރިއޯތަކަށް ބިނާކޮށް ކުރިއަށްގެންދިޔަ ތަމްރީނުތަކާއި ކޭސް ސްޓަޑީޒް މެދުވެރިކޮށް، ޒިންމާދާރު އަދި ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް ބޭނުންވާ މުހިންމު ހުނަރުތައް ވަނީ އުނގަންނައިދީފައެވެ.

މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދީފައިވާ ބައިތަކުގެ ތެރޭގައި ސުލޫކީ މިންގަނޑުތައް، ޑިޖިޓަލް ޓްރާންސްފޮމޭޝަން އަދި އޭއައި، އޮޕަރޭޝަނަލް ޕޮލިސިންގ، ސީނާރިއޯ ބޭސްޑް ޓްރެއިނިންގ، ކޭސް ސްޓަޑީޒް އަދި ޓީމް ބިލްޑިންގ ހަރަކާތްތައް ހިމެނެއެވެ.
ބްލޫސް ރީޓްރެއިނިންގ ޕްރޮގްރާމުގެ 4 ވަނަ ބެޗު ޖުމްލަ 328 ފުލުހުން ފުރިހަމަކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 306 ފިރިހެން އޮފިސަރުންނާއި 22 އަންހެން އޮފިސަރުންނެވެ.