
މާލޭ ވޮކޭޝަނަލް ހައި ސުކޫލު ގުރޭޑު 11 ގެ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މި އޮގަސްޓު މަހުގެ 11އިން 13އަށް މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި، މާލޭ ވޮކޭޝަނަލް ހައި ސުކޫލު ގުޅިގެންނެވެ.
އޮގަސްޓް 11 އިން 13 އަށް ޕޮލިޓެކްނިކްގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، ފަސްޓްއެއިޑް، ގައުމިއްޔަތު، ދިރިއުޅުމުގެ ރިވެތި އަދަބުތައް އަދި ސައިބަރ ސޭފްޓީ އެވެއާނަސް ސެޝަންތައް ކުރިއަށް ގެންގޮސްފައިވެއެވެ.
އެގޮތުން، ބޭސިކް ފަސްޓްއެއިޑާ ބެހޭ މުހިންމު މައުލޫމާތާއި، ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ އަމަލީ ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ގައުމިއްޔަތަށް ލޯބިޖެއްސުމާއި ގައުމީ ރޫހު އާލާކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ތަފާތު މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

ހަމައެހެންމެ، ދިރިއުޅުމުގެ ރިވެތި އަދަބަތަކާއި، މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމުކުރުމާއި، މުއާމަލާތުކުރުމުގެ ރިވެތި އުސޫލުތަކުގެ އިތުރުން އިސްލާމީ މަތިވެރި އަދަބުތައް ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަށް މައުލޫމާތު ދީފައިވެއެވެ.
އޭގެ އިތުރުން، ޒަމާނީ ޓެކްނޮލޮޖީގެ ނުރައްކާތަކުން ސަލާމަތްވުމަށް ކުރެވޭނެ ކަންތައްތަކާއި، އިންޓަނެޓް ބޭނުންކުރުމުގައި ސަމާލުވާންޖެހޭ ކަންކަމާއި ރައްކާތެރިވުމުގެ ގޮތުން އެޅޭނެ ފިޔަވަޅުތައް ކިޔައިދީފައިވެއެވެ.
މި ޕްރޮގްރާމްގައި އެ ސުކޫލުގެ 101 ދަރިވަރުން ބައިވެރިވިއެވެ. މިފަދަ ސެޝަންތަކުގެ ސަބަބުން ހޭލުންތެރި އަދި އަހުލާގީ ގޮތުން ރަނގަޅު ޖީލެއް ބިނާކުރުމަށް މަގުފަހިވާނެއެވެ.
މި ޕްރޮގްރާމްގައި ކުރިއަށް ގެންދިޔަ ގައުމިއްޔަތު ސެޝަންގައި މައުލޫމާތު ދެއްވީ މިނިސްޓްރީ އޮފް ހޯމްލޭންޑް، ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ޑެޕިއުޓީ މިނިސްޓަރ އަލްއުސްތާޛު ޢަލީ ރަޝީދުއެވެ.
މި ޚިދުމަތުގެ ފަރާތުން މި ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ ޕޮލިސް މެޑިކަލް ސަރވިސްއާއި، ސައިބަރ ކްރައިމް ސެންޓަރުގެ އިތުރުން ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމަންޓުގެ ފަރާތުންނެވެ.