
ހުޅުމާލެ ފޭސް 2، ޝަހީދު ޢަލީ ސުކޫލުގެ 45 ދަރިވަރުން ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ފުރިހަމަކޮށްފިއެވެ.
އެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމުމަށް މި އޮގަސްޓު މަހުގެ 8 ވަނަ ދުވަހު އެ ސުކޫލުގައި ބޭއްވި ރަސްމިޔާތު ޝަރަފުވެރިކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲއެވެ. މި ރަސްމިއްޔާތުގައި ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓް ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ނަހީދާ ޠާހިރުއާއި، ޝަހީދު ޢަލީ ސުކޫލުގެ ޕްރިންސިޕަލް ޝީޒާ އަލީއާއި އެހެނިހެން ފުލުހުން ބައިވެރިވެލެއްވިއެވެ.
މި ރަސްމިއްޔާތުގައި، ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ފުރިހަމަކުރި 45 ދަރިވަރުންނަށް ސެޓްފިކެޓް ދީފައިވެއެވެ. އެ ދަރިވަރުންނަށް ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މި އޮގަސްޓު މަހުގެ 8 އިން 13 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ޕްރޮގްރާމްގެ ތެރެއިން މައުލޫމާތު ދިނުމުގެ ކުލާސްތަކާއި އަމަލީ ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިތަކުގެ މައުލޫމާތާއި، ސުކޫލު ސަރަހައްދުގައި ޓްރެފިކް މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވާނެ ގޮތްތަކާއި ދިމާވާ މައްސަލަތައް ހައްލުކުރާނެގޮތްތަކާއި މުއާމަލާތުކުރުމުގެ ހުނަރުތައް ދަސްކޮށްދީފައިވެއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިޔަ މުއްދަތުގައި، އެ މަދަރުސާގެ ގްރޭޑް 5 ގެ ދަރިވަރުންނާއި ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އެ ސެޝަންތަކުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވިދާނެ ކަންކަމާއި މަގުމަތީގައި އުޅޭއިރު ހާއްސަގޮތެއްގައި ސަމާލުކަންދޭންޖެހޭ ކަންކަމާ ގުޅޭގޮތުން ބެލެނިވެރިންނަށް މައުލޫމާތު ދީފައިވެއެވެ. އަދި އެއްގަމު އުޅަނދު ދުއްވާއިރު، ގަވާއިދާ އެއްގޮތަށް އުޅަނދު ދުއްވުމަށާއި ސުކޫލު ސަރަހައްދުގައި އުޅަނދު ދުއްވާނަމަ ޓްރެފިކް މޮނީޓަރުންގެ އިރުޝާދުތަކާ އެގޮތަށް އަމަލުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.

ޓްރެފިކް މޮނީޓާސް ޕްރޮގާރަމަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި ސުކޫލުތައް ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް ދަރިވަރުން އަހުލުވެރިކުރުވައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ނަގަހައްޓާނެ ޖީލެއް ބިނާކުރުމަށް ހިންގާ ޕްރޮގްރާމެކެވެ.