
ޅ. ހިންނަވަރު ސުކޫލު ގުރޭޑު 6 އިން ފެށިގެން މަތީގެ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިން ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރުމަށް އަހުލުވެރިކުރުވުމަށް މައުލޫމާތުދީފިއެވެ.
ހިންނަވަރު ޕޮލިސް ސްޓޭޝަނާއި ސުކޫލު ގުޅިގެން މި މަހު 16 ވަނަ ދުވަހު ވަކިވަކިން ކުރިއަށް ގެންދިޔަ މި ސެޝަންތަކުގެ ތެރެއިން ދަރިވަރުންނަށް މައުލޫމާތު ދިނުމަށް ކުރިއަށްގެންދިޔަ ސެޝަނުގައި، އިންޓަނެޓް ބޭނުންކުރާއިރު ސަމާލުކަންދޭންޖޭ ކަންކަމާއި އިންޓަނެޓް މެދުވެރިކޮށް ބައްދަލުވާ މީހުންނަށް ދަރިވަރުންގެ ޒާތީ މައުލޫމާތު ހިއްސާނުކުރުމަށާއި އެފަދަ މީހުންނާ ވާހަކަނުދެއްކުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި އެފަދަ މީހުން ފޮނުވާ ފޮޓޯއާއި ނުރަނގަޅު މެސެޖުތައް ސިއްރުނުކޮށް ބެލެނިވެރިންނަށް ހިއްސާކުރުމަށާއި ސޯޝަލް މީޑިއާގައި ތިމާގެ ފޮޓޯ ހިއްސާނުކުރުމަށް ވެސް ދަރިވަރުންނަށް ނަސޭހަތްތެރިވެފައިވެއެވެ. އޭގެ އިތުރުން، އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކާއި އެފަދަ ކުށެއްގައި ނުޖެހި ދަރިވަރުގެ ސަލާމަތާއި ރައްކާތެރިކަން ހޯދަން މަސައްކަތް ކުރުމަށާއި، އިންޓަނެޓްގައި ބޭކާރުގޮތުގައި ވަގުތު ހޭދަކުރުމުގެ ބަދަލުގައި އިންޓަނެޓް މެދުވެރިކޮށް އަގުހުރި މައުލޫމާތު ހޯދައި މައުލޫމާތުގެ ހަޒާނާ މުއްސަނދިކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.

ބެލެނިވެރިންނަށް މައުލޫމާތު ދިނުމަށް ކުރިއަށްގެންދިޔަ ސެޝަނުގައި އިންޓަނެޓް ބޭނުންކުރުމައި އެންމެ ރައްކާތެރިގޮތް ހިޔާރުކުރުމަށާއި ގޮތްނޭނގޭ މީހުންނަށް ތިމާގެ ޒާތީ އެއްވެސް މައުލޫމާތެއް ހިއްސާނުކުރުމަށް ނެސޭހަތްތެރިވެފައިވެއެވެ. އަދި އިންޓަނެޓް މެދުވެރިކޮށް އާންމުކޮށް ހިންގާ ކުށްތަކާއި ނުރަނގަޅު ގޮތުގައި މައުލޫމާތު ހޯދަން އުޅޭ މީހުން ދެނެގަންނާނެ ގޮތްތައް ކިޔައިދީފައިވެއެވެ. އަދި ސޯޝަލް މީޑިއާގައި ތިމާގެ އަގުވައްޓައި ބޭޒާރުކުރުމަށް އަނެއް މީހާއަށް ފުރުސަތު ލިބޭނެފަދަ ކަންކަމުން ދުރުހެލިވެތިބުމަށް ކުރެވޭނެ ކަންކަން ކިޔައިދީފައިވެއެވެ. ހަމައެހެންމެ، ގެންގުޅޭ ޑިވައިސްތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމަށާއި ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށް ވެސް ބެލެނިވެރިންނަށް ހަނދާންކޮށްދީފައިވެއެވެ. އަދި ތިމާގެ ބެލުމުގެދަށުގައި ތިބޭ ދަރިންގެ ކަންކަން ރަނގަޅަށް ބެލެހެއްޓުމަށާއި ދަރިންނަށް ރަނގަޅު ނަމޫނާ ބެލެނިވެރިއަކަށް ވުމަށާއި އިންޓަނެޓް ބޭނުންކުރުމުގައި ވަގުތު މެނޭޖުކުރުމަށް ދަރިންނަށް ހަނދާންކޮށްދޭއިރު ބެލެނިވެރިޔާގެ ފަރާތުންވެސް އެފަދަ ރީތި މަންޒަރު ދަރިންނަށް ދައްކައިދިނުމަށް ނަސޭހަތްތެރިވެފައިވެއެވެ.
އޭގެއިތުރުން، ތިމާގެ ކޮންމެ ވަގުތަކީ އަގުހުރި ވަގުތެއްކަން ހަނދާން ބެހެއްޓުމަށާއި ވިސްނައިނުލާ ކުރެވޭ ކުޑަކުޑަ ކަމަކުން ވެސް ބޮޑު ކުށަކަށް ހުށަހެޅިދާނެކަން ހަނދާންކޮށް ކުށްމަދު އަމާން މުޖުތަމައަކަށް ދަރިންގެ ލޯ ހުޅުވައިދިނުމަށް ބެލެނިވެރިޔާގެ ޒިންމާތަކަކީ ކޮބައިކަން ވެސް މި ސެޝަންގެ ތެރެއިން ކިޔައިދީފައިވެއެވެ.
ކުށްމަދު އަމާން ޖީލެއް ބިނާކޮށް، ކުށުގެ މާހައުލުން ކުޑަކުދިން ރައްކާތެރިކުރުމަށާއި އެ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ކޮންމެ ބެލެނިވެރިއެއްގެ ވެސް ޒިންމާއެއްކަން ހަނދާންކޮށްދިނުމަށް މިފަދަ ސެޝަންތަކުން އެހީތެރިވެދޭނެއެވެ.
ސުކޫލު ދަރިވަރުންނާއި ބެލެނިވެރިން ހޭލުންތެރިކުރުވައި، ރައްކާތެރި މުޖުތަމައަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމުގެ މިފަދަ ސެޝަންތައް ފުލުހުން ދަނީ ހިންގަމުންނެވެ.