
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، ދ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި ސިވިލް މުވައްޒަފުންނާ ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުގައި މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ވަނީ ދ. އަތޮޅުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ރަނގަޅު އަހުލާގެއް ދަމަހައްޓަމުން ގެންދާ، ފުލުހުންގެ މަސައްކަތްތަކުގައި ފާހަގަކޮށްލެވޭ ފަދަ ރަނގަޅު ޚިދުމަތެއް ފޯރުކޮށްދެމުންދާ ބައެއްކަން ފާހަގަކުރައްވައި އެކަން ފާހަގަކުރައްވާފައެވެ.
މީގެއިތުރުން، އޮޕަރޭޝަނަލް އަދި ތަހުގީގުގެ މަސައްކަތްތަކަކީ ފުލުހުންގެ ޚިދުމަތުގެ މައިގަނޑު ދާއިރާތައް ކަމަށްވުމުން، އެ ދާއިރާތަކުން ފުލުހުން އަބަދުވެސް ފަރިތަވެ، ފަންނީ ގޮތުން ގާބިލު ބަޔަކަށް ވާންޖެހޭނެކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، ފުލުހުންގެ އިސް ސަފުގައި މަސައްކަތްކުރައްވާ ލީޑަރުންނަކީ އެހެން މުވައްޒަފުންނަށް ރިވެތި ނަމޫނާ ދައްކުވައިދޭ، އަދި ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް ރަނގަޅު މަގު ދައްކައިދޭ ބަޔަކަށް ވާންޖެހޭނެކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި، ކޮމިޝަނަރ އޮފް ޕޮލިސްގެ އިތުރުން ސަދަރން ޕޮލިސްގެ ކޮމާންޑަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރަޝީދާއި ސަދަރން ޕޮލިސްގެ ޑެޕިއުޓީ ކޮމާންޑަރ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާޢީލް ބައިވެރިވެލެއްވިއެވެ.