
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އދ. ފެންފުށިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލާސްޓްބީޗް / އދ. ފެންފުށި، ހަމްޒަތު މުޙައްމަދު (40އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ފެންފުށީ ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ.
މި މަހު 17 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 13 ކަރުދާސްކޮޅާއި، މަސްތުވާތަކެތި ބޭނުންކުރުމަށް ގެންގުޅޭ ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ.
މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.