
ހުޅުމާލޭގައި މަސައްކަތްކުރާ ފުލުހުންނަށް ކުރިއަށްގެންދިޔަ “ބްލޫސް ރީ ޓްރެއިނިންގ ޕްރޮގްރާމް” ގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މިއަދު ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަޠީހްއެވެ. މި ރަސްމިއްޔާތުގައި ހުޅުމާލެ ޕޮލިސް ކޮމާންޑު ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲ ބައިވެރިވެލެއްވިއެވެ.

މި އޮގަސްޓު މަހުގެ 9 ވަނަ ދުވަހުން ފެށިގެން ފަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ ބްލޫސް ރީޓްރެއިނިންގ ޕްރޮގްރާމް، ހުޅުމާލޭގައި މަސައްކަތްކުރާ 25 ފުލުހުން ފުރިހަމަކޮށްފައިވެއެވެ.
މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދީފައިވާ ބައިތަކުގެ ތެރޭގައި ސުލޫކީ މިންގަނޑުތައް، ޑިޖިޓަލް ޓްރާންސްފޮމޭޝަން އަދި އޭއައި، އޮޕަރޭޝަނަލް ޕޮލިސިންގ، ސީނާރިއޯ ބޭސްޑް ޓްރެއިނިންގ، ކޭސް ސްޓަޑީޒް އަދި ޓީމް ބިލްޑިންގ ހަރަކާތްތައް ހިމެނެއެވެ.
މި ތަމްރީނު ޕްރޮގްރާމަކީ ޒަމާނީ ފުލުހުންގެ ހިދުމަތަށް އަންނަ ބަދަލުތަކަށް އޮފިސަރުން އަހުލުވެރިކުރުވައި، އިލްމާއި، ސުލޫކީ މިންގަނޑުތަކާއި، ލީޑަރޝިޕް އަދި އޮޕަރޭޝަނަލް ގާބިލުކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެގޮތުން ތިއަރީ ސެޝަންތަކާއި، އަމަލީ ތަމްރީނުތަކާއި، ސިނާރިއޯތަކަށް ބިނާކޮށް ކުރިއަށްގެންދިޔަ ތަމްރީނުތަކާއި ކޭސް ސްޓަޑީޒް މެދުވެރިކޮށް، ޒިންމާދާރު އަދި ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް ބޭނުންވާ މުހިންމު ހުނަރުތައް ވަނީ އުނގަންނައިދީފައެވެ.