
ފާއިތުވި 2024 އަދި 2025 ވަނަ އަހަރު ހުޅުމާލެ ފޭސް 1 ޕޮލިހަށް އެކި ގޮތްގޮތުން އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދީފައިވާ ފަރާތްތަކާއި މުއައްސަސާތަކުގެ އަގުވަޒަންކުރުމުގެ ގޮތުން "ކުރުނީސް 2026" ގެ ނަމުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.
2026 އޮގަސްޓް 20 ވީ ބުރާސްފަތި ދުވަހު ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ.
މި ރަސްމިއްޔާތަކީ ފުލުހުންގެ މަސައްކަތްތަކަށާއި މުޖުތަމައުއަށް ޚިދުމަތްކުރުމުގައި ވޭތުވެދިޔަ ދެ އަހަރު އެކި ގޮތްގޮތުން އެހީތެރިވެ، އެއްބާރުލުން ދިން ފަރާތްތަކާއި ބައިވެރިންގެ މަސައްކަތް ފާހަގަކޮށް، އެ ފަރާތްތަކާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެކެވެ.
މި ބައްދަލުވުމުގައި، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި އަމިއްލަ ފަރުދުންނާއި އެކި މުއައްސަސާތަކުން ދެއްވާ އެއްބާރުލުން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައިވެސް އެ ފަރާތްތަކާއެކު ގުޅިގެން ރައްޔިތުންނަށް ޚިދުމަތް ދިނުމުގެ އަޒުމް ވަނީ އައުކޮށްފައެވެ.