
ކުށްމަދު އަމާން މުޖުތަމައަކަށް ދަރިވަރުން ހޭލުންތެރިކުރުވުމަށް ނ. މަގޫދޫ ސުކޫލުގެ ލީޑާސް ޕްރޮގްރާމުގެ ދަރިވަރުންނަށް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. މި ސެޝަން ކުރިއަށް ގެންގޮސްފައި ވަނީ އެ ސުކޫލުގެ ގުރޭޑު 7 އިން 10 އާދެމެދުގެ ދަރިވަރުންގެ ތެރެއިން ލީޑަރުންގެ ގޮތުގައި ހަރަކާތްތެރިވާ ދަރިވަރުންނަށެވެ.
މަގޫދޫ ޕޮލިހާއި އެ ސުކޫލު ގުޅިގެން މި މަހު 23 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ސެޝަންގައި ދަރިވަރުންގެ އަހުލާގާއި ސުލޫކު ދެމެހެއްޓުމަށާއި ރަނގަޅު ކިޔަމަންތެރި ދަރިވަރެއްގެ ގޮތުގައި ދެމިހުރުމަށް މަސައްކަތް ކުރުމަށް މައުލޫމާތު ދީފައިވެއެވެ.
އެގޮތުން، ކުށުގެ ވެށިން ދަރިވަރުން ރައްކާތެރިވާންވީ ގޮތްތަކާއި، ރަނގަޅު އަހުލާގެއްގެ މަތީގައި ދެމިތިބުމަށް މުދައްރިސުންނާއި މައިންބަފައިންގެ ބަސްގަބޫލުކޮށް އެކުވެރިންގެ ގޮތުގައި ހެޔޮލަފާ ރަނގަޅު ކުދިން އިހުތިޔާރުކުރުމަށް ނަސޭހަތްތެރިވިއެވެ. އަދި ބޭކާރު މީހެއްގެ ގޮތުގައި މުޖުތަމައަށް ނުނިކުތުމަށް ކޮންމެ ކުއްޖަކު ވެސް ގަދައަޅައި މަސައްކަތްކުރުމަށާއި މުޖުތަމައަށް ބޭނުންހިފޭ، ފައިދާހުރި އަދި މުޖުތަމައު ބަލައިގަންނަ ހަރުދަނާ ޒުވާނަކަށް ވުމަށް މަސައްކަތްކުރުމަށް ވެސް ދަރިވަރުންނަށް ނަސޭހަތްތެރިވިއެވެ.
އޭގެ އިތުރުން، އެކަކު އަނެކަކާ މުއާމަލާތު ކުރާއިރު ރިވެތި ބަސްމަގު ބޭނުންކުރުމަށާއި އެއްކުއްޖަކު އަނެއްކުއްޖަކު ވަކިވެގެން ނޫޅުމަށް ވެސް ނަސޭހަތްތެރިވިއެވެ. އަދި ނުރައްކާތެރި ހާލަތުގައި ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރާނެ ގޮތްތައް ވެސް ކިޔައިދީފައިވެއެވެ.