
މަގުމަތީގެ އަދަބުތަކާއި ރިވެތި އަހުލާގާ ގުޅޭގޮތުން ބިލެތްދޫ ސުކޫލު ގުރޭޑު 6 އިން 9 އާ ދެމެދުގެ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
ފ. އަތޮޅު ޕޮލިހާއި ބިލެތްދޫ ސުކޫލު ގުޅިގެން މިއަދު ކުރިއަށްގެންދިޔަ މި ސެޝަނުގައި، މަގުމަތީގައި ދަރިވަރުން އުޅޭއިރު އަމަލުތައް ބަހައްޓަންވީ ގޮތްތައް ކިޔައިދީފައިވެއެވެ. އެގޮތުން، މަގުމަތީގައި ހިނގާއިރު ދުއްވާއެއްޗިއްސަށް ސަމާލުކަންދީގެން، މަގުގެ އެއްފަރާތުން ހިނގުމަށާއި މަގު ހުރަސްކުރާއިރު މަގުގެ ދެކޮޅު ބެލުމަށާއި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހަނދާންކޮށްދީފައިވެއެވެ. އަދި މަގުމަތީގައި އުޅޭއިރު އެހެން މީހުންނަށް އުނދަގޫނުވާނޭހެން އަމަލުތައް ބެހެއްޓުމަށާއި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންނާއި އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީތެރިވެދިނުމަށް ކުރެވޭނެ ކަންކަން ކިޔައިދީފައިވެއެވެ. އަދި މަގުމަތީގައި އުުޅޭއިރު އަޑުގަދަ ނުކުރުމަށާއި އެހެން މީހުންނަށް އިހުތިރާމުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.
އޭގެ އިތުރުން، އުފާވެރި މުސްތަގުބަލަކަށް އުންމީދުކޮށް، ދަރިވަރުންގެ އަހުލާގު އެއް މިންގަނޑެއްގައި ހިފެހެއްޓުމަށް ދީނީ ކަންކަމަށް އިސްކަންދީ މައިންބަފައިންނާ މުދައްރިސުންގެ ނަސޭހަތްތައް ގަބޫލުކޮށްގެން ރަނގަޅު ނަތީޖާއަކާ އެކު ސުކޫލު ނިންމުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވެފައިވެއެވެ. ބިލެތްދޫ ސުކޫލުގެ 77 ދަރިވަރުން މި ސެޝަނުގައި ބައިވެރިވިއެވެ.
އަހުލާގު ރަނގަޅު ދަރިވަރުންތަކެއް ބިނާކޮށް ކުޑަކުދިންގެ މެދުގައި ކުށްކުރުން ހުއްޓުވައި، އެ ކުދިންނަށް ރައްކާތެރި މުޖުތަމައެއް ހޯދައިދިނުމަށް ފުލުހުން ގެންދަނީ ސުކޫލު ދަރިވަރުން ހޭލުންތެރިކުރުވައި މައުލޫމާތު ދިނުމުގެ ތަފާތު ސެޝަންތައް ހިންގަމުންނެވެ.