
އައްޑޫ ސިޓީގައި ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ. މި ޕްރޮގްރާމް ހިންގާފައި ވަނީ ގަން ޕޮލިހުން ބަލަހައްޓަމުންދާ ރަށްރަށުގައި ހިންގާ ވިޔަފާރިތަކަށެވެ.
މި މަހު 30 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގެ މަގުސަދަކީ ވިޔަފާރިކުރާ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަންކަށަވަރު ކުރުމާއި ކުށްމަދު އަމާން މުޖުތަމައެއް ބިނާކުރުުމުގެ އިތުރުން ވިޔަފާރިވެރިންގެ ހޭލުންތެރިކަން އިތުރުކުރުމެވެ.
މި ޕްރޮގްރާމުގައި، މަކަރާއި ހީަތުން ފައިސާ ހޯދުމުގެ މައްސަތަކުން ރައްކާތެރިވާނެ ގޮތްތައް ކިޔައިދީފައިވެއެވެ. އަދި ވިޔަފާރި ބަންދުކުރާއިރު އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް ބުނެދީ ތަނުގެ އެތެރޭގައި ކުށެއް ނުވަތަ ކުށަކަށް މަގުފަހިވާ ފަދަ އެއްވެސް ކަމެއް ހިނގައިފިނަމަ އަމަލުކުރާނެ ގޮތްތައް ކިޔައިދީފައިވެއެވެ. އަދި ފިހާރަތަކުގެ ސަލާމަތީ ކަންކަން ހުރި މިންވަރާއި ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ތައްޔާރުވެފައިވާ މިންވަރު ދެނެގަނެ، ފުލުހުންގެ އެހީތެރިކަން ވިޔަފާރިވެރިންނަށް އެންމެ ބޮޑަށް ބޭނުންވާނެ ދާއިރާތައް އޮޅުންފިލުވާފައިވެއެވެ.
މީގެ އިތުރުން،ގަން ޕޮލިހުން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ފުލުހުންގެ މަސައްކަތްތަކާ ގުޅޭގޮތުން ވިޔަފާރިވެރިންގެ ހިޔާލާއި މަޝްވަރާ ވެސް މި ޕްރޮގްރާމުގެ ތެރެއިން ހޯދާފައިވެއެވެ.