ލިޔުނީ: ސީނިއާ ސާޖަންޓް ފަތުހުالله ޞާލިޙް
މިއަދަކީ 2004ވަނަ އަހަރުގެ ސެޕްޓެންބަރު 1ވަނަ ދުވަހު، ދިވެހި ފުލުހުންގެ ޚިދުމަތް ވަކި މުއައްސަސާއެއްގެ ގޮތުގައި ހިނގާންފެށިތާ 22 އަހަރު ފުރުނު، ފަހުރުވެރި "ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހެވެ." މިއަދު ދިވެހި ފުލުހުންގެ ޚިދުމަތަކީ "ކޮމިއުނިޓީ ޕޮލިސިންގ" ނުވަތަ ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމުގެ ފަލްސަފާއަކީ، ހިދުމަތުގެ ސިޔާސަތެއް ކަމުގައި ދެކިގެން ދެމުން އަންނަ ހިދުމަތެކެވެ. މިއަދު އަޅުގަނޑުމެންގެ ތަސައްވުރުގައި "ފުލުހުންނަކީ ރައްޔިތުންނެވެ، ރައްޔިތުންނަކީ ފުލުހުންނެވެ." ކުށްތަކުގެ ގަދަ ކޮޅިގަނޑުތަކާއި އޮއިވަރުން ސަލާމަތްވެ، ހަމަހިމޭން ދިރިއުޅުމެއް ހޯދައިދިނުމަށް ފުލުހުންގެ ކޮނޑުތަކުގައި އެޅިފައިވާ ޒިންމާ މިއަދު އަދާކުރަނީ ރައްޔިތުންގެ ބައިވެރިވުމާއި އެއްބާރުލުމާ އެކުގައިކަން އުފަލާއެކު ފާހަގަކުރާންޖެހެއެވެ. އެ އެއްބާރުލުމަކީ ފަރުދީ ޒިންމާގެ ފުން ވިސްނުންތަކުގެ ތެރެއިން އުފެދޭ އެއްބާރުލުމެކެވެ. މި ތާރީހީ މުނާސަބަތާ ގުޅުވައި، އަމާންކަމާއި ރައްކާތެރިކަމުގެ ފޮނިމީރުކަން ލިބިފައިވާ ރައްކާތެރި މުޖުތަމައެއް އާރާސްތުކުރުމަށްޓަކައި ސަމާލުކަން ދޭންވީ 22 އިރުޝާދެއް ހުށަހަޅާލަމެވެ. އާދެ! ދިވެހި ފުލުހުންގެ މަަދަނީ ޚިދުމަތުގެ 22ވަނަ އަހަރީދުވަހު މި ހުށަހަޅައިލަނީ ކޮންމެ ރައްޔިތެއްގެ ހިތުގެ ފިލާވަޅެއްގެ ގޮތުގައި ބަހައްޓަން ރަނގަޅު 22 އިރުޝާދެކެވެ.
ކުއްލި ހާލަތްތަކާއި މުއާސަލާތުގެ ހިޔާވަހިކަން
އަވަސް އެހީ: ކުއްލި ނުރައްކަލުގެ ހާލަތެއް މެދުވެރިވާ ކޮންމެ ހިނދެއްގައި، ޖެހިލުމެއްނެތި ފުލުހުންގެ ކުއްލި އެހީގެ ނަންބަރު 119 އަށް ގުޅުއްވައި މައުލުމާތު ދެއްވުން އަވަސްކުރާށެވެ.
ރަސްމީ ހޮޓްލައިން: ކުއްލި ހާލަތްތައް ނޫން އާންމު ކަންކަމުގައި މައުލޫމާތާއި އެހީތެރިކަން ހޯދުމަށް ފުލުހުންގެ ރަސްމީ ހޮޓްލައިން 3322111 ބޭނުންކުރާށެވެ.
PoliceMV އެޕްލިކޭޝަން: ޒަމާނީ ފަސޭހަކަމާއެކު ހިދުމަތްތަކުގެ ލުއިފަސޭހަކަން ލިބިގަތުމަށް، ފުލުހުންގެ ރަސްމީ މޮބައިލް އެޕް ފޯނުގެ ބައިވެރިއަކަށް ހަދާށެވެ.
އަވައްޓެރި ފުލުހުން: ދިރިއުޅޭ ވެށީގެ ސަލާމަތްތެރިކަން ބަލަހައްޓާ އަވައްޓެރި ފުލުސް އޮފިސަރަކީ ކާކުކަން ދެނެގަނެ، ގާތް ރަހުމަތްތެރި ގުޅުމެއް ބާއްވާށެވެ.
މަކަރާއި ހީލަތް ހެދުމުގެ ކުށްތަކަށް ސަމާލުވެ ހޭލުންތެރިވުން
OTP އަބަދުވެސް ސިއްރު: ބޭންކުން ނުވަތަ ކުންފުންޏަކުން ގުޅި ކަމަށް ބުންޏަސް، ފޯނަށް އަންނަ One-Time Password (OTP) އަކީ ތިމާގެ މާލީ ތަޅުދަނޑިކަން ދަނެ، އެއްވެސް މީހަކަށް ހިއްސާ ނުކުރާށެވެ.
ލިންކުތަކަށް ސަމާލުވުން: އެސްއެމްއެސް ނުވަތަ ވައިބަރ އިން އަންނަ ނޭނގޭ ފޭކު ލިންކުތަކަކީ މަކަރުވެރީންގެ މަޅިގަނޑުތައް ކަމަށްބަލައި، އެ ފަދަ ލިންކުތައް ހުޅުވުމުން ދުރުހެލިވާށެވެ.
ޓޫ ފެކްޓާ އޮތެންޓިކޭޝަން: މީސްމީޑިޔާގައި ސަލާމަތްތެރިކަން ހޯދުމަށް ޓޫ ފެކްޓަރ އޮތެންޓިކޭޝަން އެކްޓިވޭޓްކޮށް، ބާރުގަދަ ޕާސްވޯޑް ބޭނުންކުރާށެވެ.
އެންޓި-ސްކޭމް ސެންޓަރަށް ރިޕޯޓްކުރުން: މަކަރާއި ހީލަތުގެ ދާގަނޑެއްގައި ޖައްސަން އުޅޭކަމުގެ ސިގްނަލެއް ފާހަގަވެއްޖެ ނަމަ، ލަސްނުކޮށް ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރަށް ހުށަހަޅާށެވެ.
މަގުމަތީގެ އަދަބުތަކާއި ރައްކާތެރިކަން
ޓްރެފިކް ނިޝާންތަކަށް ބޯލެނބުން: މަގުމަތީގެ ނިޝާންތަކާއި ޓްރެފިކް ލައިޓްތަކަށް ކިޔަމަންތެރިވުމަކީ ތިމާގެ އަދަބުވެރިކަން ދައްކުވައިދޭ ކަމެކެވެ.
ރައްކާތެރި ހެލްމެޓެއް މުހިންމު: ބުރިޖާއި ހައިވޭ ފަދަ ނުރައްކާ ބޮޑު ސަރަހައްދުތަކުގައި ދަތުރުކުރާއިރު ސަލާމަތީ ސްޓެންޑާޑްތަކަށް ފެތޭ ރައްކާތެރި ހެލްމެޓެއް އެޅުން އާދައަކަށް ހަދާށެވެ.
އެކަކުއަނެކަކަށް އިހުތިރާމާއެކު މަގުމަތި ބޭނުންކުރުން: ވީލްޗެއާ ރޭމްޕްތަކާއި، ހިނގާ މީހުންގެ ހައްގުތަކަށް ހުރަސްނޭޅޭނޭހެން، އަނެކުންނަށް އިހުތިރާމުކޮށްގެން ޕާކުކުރާށެވެ.
ދުއްވާއިރު ފޯނު ބޭނުންނުކުރުން: ސައިކަލް ނުވަތަ ކާރުގެ ހުންގާނުގައި ހިފާ ހިނދަކީ ފޯނާ ދުރުވާންޖެހޭ ވަގުތުކޮޅެކެވެ. އެންމެ ސިކުންތެއްގެ ފަރުވާކުޑަކަމަކުން މުޅި އުމުރުގެ ބާކީބައި ހިތާމަވެރި ވޭނަކަށް ބަދަލުވެދާނެއެވެ.
ގޭބިސީތަކާއި މުދަލުގެ ރައްކާތެރިކަން
ތަޅު ލެވުނުކަން ޔަގީންކުރައްވާ: ގެއިން ބޭރަށް ފިޔަވަޅެއް އަޅާއިރު އަދި ރޭގަނޑުގެ އަރާމު ނިންޖަށް ތައްޔާރުވާއިރު ކުޑަދޮރުތަކާއި ބޭރުދޮރުތައް ރަނގަޅަށް ތަޅުލެވިފައި ހުރިތޯ ކަށަވަރުކުރާށެވެ.
އަލިކަމެއް ބެހެއްޓުން: ގޭގެ ބޭރު ހަވާސާއާއި އަނދިރި ތަންތަނުގައި ރޭގަނޑު އަލިކަމެއް ބެހެއްޓުމަކީ ނުބައި ނިޔަތްތަކުގައި އުޅޭ މީހުން ޖެހިލުންވާނެ ކަމެކެވެ.
ފައިސާއާއި ގަހަނާ ރައްކާތެރިކުރުން: ޖަވާހިރާއި ރަންރިހި އަދި ގިނަ އަދަދުން ނަގުދު ފައިސާ ފަސޭހައިން ލޮލުގައި އަޅައިގަންނަ ގޮތަށް ނުބަހައްޓާށެވެ.
ސީސީޓީވީ ކެމެރާގެ ބޭނުން: ގެއާއި ވިޔަފާރިކުރާ ތަންތަނާއި އޮފީހުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަކީ ފުރުސަތަކަށް ބަލަބަލައި ތިބޭ ކުށްވެރިން ދުރުކޮށްލުމަށް އެޅޭ ފިޔަވަޅެކެވެ.
ފުލުހުންނާ އެކު އޮންނަ ބަދަހި ގުޅުން
ކުށުގެ މައުލޫމާތު ހިއްސާކުރުން: ތިމާގެ ވެށިން ފެންނަ ޝައްކުކުރެވޭ ކޮންމެ ކަމެއްގެ އަދި ހިނގަނިކޮށް ނުވަތަ ހިންގަނިކޮށް ފެންނަ ކޮންމެ ކުށެއްގެ ކުށުގެ މައުލޫމާތުގެ ގޮތުގައި ފުލުހުންނަށް ހިއްސާކުރުމަކީ ފަރުދީ ޒިންމާއެއް ކަމުގައި ހަދާށެވެ.
އިހުތިރާމާއި އެއްބާރުލުން: މަގުމަތިން ދިމާވާ ނުވަތަ ބަލައިފާސްކުރުމުގެ ހަރަކާތްތަކުގައި ފުލުހުން ކުރާ ސުވާލުތަކަށް ތެދުވެރިކަމާއެކު އިޖާބަދީ ފުލުހުންގެ ވާޖިބު އަދާކުރުމަށް އެއްބާރުލުން ދޭށެވެ.
އިސްލާހީ ފީޑްބެކް: ފުލުހުންގެ ހިދުމަތުގެ ފެންވަރު މަތިކޮށް، މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް ހުރި ޝަކުވާތަކާއި ހިޔާލުތައް ރަސްމީ ޗެނަލްތަކުން ހުށަހަޅާށެވެ.
ހާއްސަ ރައްކާތެރިކަން
ޓޫރިސްޓް ޕޮލިސް (1478): ރާއްޖޭގެ ރީތިކަން ބަލަން އަންނަ މެހުމާނަކަށް ދަތިކަމެއް ކުރިމަތިވެގެން އުޅެނިކޮށް ދިމާވެއްޖެ ހިނދެއްގައި، އޯގާތެރިކަމާއެކު މުއާމަލާތްކޮށް ޓޫރިސްޓް ޕޮލިސް ހޮޓްލައިންގެ މައުލޫމާތު ދޭށެވެ.
ކުދިންގެ ހިމާޔަތް: ކުޑަކުދިންގެ މައުސޫމުކަމަށް ލިބޭ ކޮންމެ އަނިޔާއެއް ނުވަތަ އިހުމާލެއް ފެނިއްޖެ ނަމަ ނުވަތަ އެނގިއްޖެނަމަ ލަސްނުކޮށް ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނަށް ރިޕޯޓްކޮށް އެ ކުދިންގެ މުސްތަގުބަލު ސަލާމަތްކޮށްދިނުމަށް އެހީތެރިވެދޭށެވެ.
"ރައްކާވެ ތިބިއްޔާ ދަތުރެވެ": ކޮންމެ ފިޔަވަޅެއް އެޅިޔަސް، އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ދުރާލައި ފިޔަވަޅު އެޅުމަކީ ކޮންމެ ދިވެހި ދަރިއެއްގެ ހިތުގެ އަޒުމަކަށް ހަދަން ވާނެއެވެ.
ނުވާނަމައީ އިހަށް ރައްކާ ފަހުން ވަގުތެއް ނުލިބިދާނޭ
ނުވާ ކަމަކަށް ވެދާ ކަމަކީ ހެދޭނެ ގޮތެއް ނުއޮންނާނޭ.
ދިވެހި ފުލުހުންގެ ޚިދުމަތް ވަކި މުއައްސަސާއެއްގެ ގޮތުގައި ހިނގައިގަތްތާ 22 އަހަރު ފުރުމުގެ މި ޝަރަފުވެރި މުނާސަބަތުގައި، އަޅުގަނޑުމެން ހަނދާންކުރަންވީ މުޖުތަމައުގެ އަމާންކަމުގެ ފޮނި މީރުކަން ހޯދޭނީ ހަމައެކަނި ފުލުހުންގެ މަސައްކަތުން ނޫންކަމެވެ. އެއީ ފުލުހުންގެ އިހުލާސްތެރިކަމާއި، ރައްޔިތުންގެ އެއްބާރުުމާ ގުޅިލާމެހިގެން އުފެދޭ ނަތީޖާއެއް ކަމެވެ.