
މަދަނީ ވަކި ހިދުމަތެއްގެ ގޮތުގައި ފާއިތުވި 22 އަހަރުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތް ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދައި، ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ފޯރުކޮށްދެވޭ ފަދަ ގާބިލު މުއައްސަސާއަކަށް ތަރައްގީވެފައި ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް މި ހިދުމަތް އިތުރަށް ތަރައްގީވަމުން ކުރިއަށްދާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހާ ގުޅިގެން މިއަދު ހެނދުނު ބޭއްވި އެކުވެރިކަމުގެ ހިންގާލުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ކޮމިޝަނަރ އޮފް ޕޮލިސް ފާހަގަކުރެއްވި ގޮތުގައި، 1 ސެޕްޓެމްބަރ 2004 ގައި ފުލުހުންގެ ޚިދުމަތް ވަކި މަދަނީ މުއައްސަސާއެއްގެ ގޮތުގައި ކަނޑައެޅިގެން ދިޔަ ދުވަސްވަރާ އަޅާބަލާއިރު މިއަދު ފުލުހުންގެ މުއައްސަސާއަށް ވަނީ ހުރިހާ ގޮތަކުންވެސް ފާހަގަކޮށްލެވޭ ބޮޑެތި ކުރިއެރުންތަކެއް ލިބިފައެވެ.
މިގޮތުން، ފުލުހުންގެ ޚިދުމަތް ވަކިވި ދުވަހު ހުސައިން އާދަމް ބިލްޑިންގ ކުރިމަތީގައި ފުލުހުންގެ ގޮތުގައި އެކުލެވިގެން ދިޔައީ ނިސްބަތުން ވަރަށް މަދު މުވައްޒަފުންކަން ހަނދާން އައުކުރައްވަމުން ކޮމިޝަނަރ ވިދާޅުވީ، ވޭތުވެދިޔަ 22 އަހަރުގެ ތެރޭގައި ފުލުހުންގެ ސަފުތައް އެތައް ގުނައަކަށް އިތުރުވެ، މުއައްސަސާގެ އިންސާނީ ވަސީލަތާއި ގާބިލުކަން އެތައް ގޮތަކުން ފުޅާވެފައިވާ ކަމަށެވެ. އަދި އެ ތަފާތާއި ހޯދާފައިވާ ބޮޑު ކުރިއެރުން މިއަދު ފެންނަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމިޝަނަރ ވިދާޅުވީ، 2004 ވަނަ އަހަރުން ފެށިގެން މިހާތަނަށް ކަނޑައްތުކުރި ދިގު ރާސްތާގައި ދިވެހި ފުލުހުންގެ ޚިދުމަތް ބިނާވެފައިވަނީ ރައްޔިތުންނަށް ފުރިހަމައަށް ހިދުމަތް ފޯރުކޮށްދެވޭނެ ވަރުގެ މުއައްސަސާއެއްގެ ގޮތުގައި ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ފުލުހުންގެ މުއައްސަސާ ދާނީ ތަރައްގީވަމުން ކަމަށާއި، އެންމެ ބޮޑު އަމާޒަކީ ރައްޔިތުން ބަލައިގަންނަ އަދި ރައްޔިތުންގެ އިތުބާރު ލިބިފައިވާ ހިދުމަތްތަކެއް ފޯރުކޮށްދޭ މުއައްސަސާއެއްގެ ގޮތުގައި ދެމިއޮތުން ކަމުގައި ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.
ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ މުނާސަބަތުގައި ކޮމިޝަނަރ ވަނީ ހުރިހާ ފުލުހުންނަށާއި ފުލުހުންގެ އާއިލާތަކަށް ދުވަހުގެ ތަހުނިޔާއާއި މުބާރަކްބާދީ އަރިސްކުރައްވާފައެވެ. ހަމައެއާއެކު، ރައްޔިތުންނަށް ހިދުމަތް ދިނުމުގައާއި ގާނޫނީ ޒިންމާތައް އަދާކުރުމުގައި ފުލުހުން އަދާކުރަމުންދާ ބުރަ މަސްއޫލިއްޔަތުތައް ފާހަގަކުރައްވައި ހުރިހާ ފުލުހުންނަށް ކޮމިޝަނަރ ޝުކުރު އަދާކުރެއްވިއެވެ. މީގެއިތުރުން، މި ހިދުމަތް ތަރައްގީކުރުމުގައި އެކި ދުވަސްވަރު މަސައްކަތްކުރެއްވި ހުރިހާ ފަރާތްތަކުގެ އަގު ވަޒަންކުރައްވައި، އެ ފަރާތްތަކަށްވެސް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
މީގެއިތުރުން، ދިވެހި ފުލުހުންގެ ޚިދުމަތް ތަރައްގީކުރުމަށާއި، ފުލުހުންގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށް ސަރުކާރުގެ ތެރެއިން ފަހިކޮށްދެއްވަމުން ގެންދަވާ ކަންކަމާއި ގެންނަވާ ކުރިއެރުންތަކަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް، ދިވެހި ހުރިހާ ފުލުހުންގެ ނަމުގައި ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.
ފުލުހުންގެ ޚިދުމަތުގެ ދުވަހާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، މާލެ ވަށައި ބޭއްވި ފުލުހުންގެ އެކުވެރިކަމުގެ ހިނގާލުން ވަރަށް ކާމިޔާބުކަމާއެކު ނިންމާލެވިފައިވާކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. އަދި އެ ހިނގާލުމުގައި ބައިވެރިވި ފުލުހުންގެ އަދަދުންވެސް މުއައްސަސާގެ ސަފުތައް ބަދަހިވެ، ފުލުހުންގެ އަދަދު އެތައް ގުނައަކަށް އިތުރުވެފައިވާ މިންވަރު ހާމަވެގެންދިޔަ ކަމަށް ވިދާޅުވިއެވެ.
މި މުނާސަބަތާ ގުޅިގެން އިތުރު ހަރަކާތްތަކެއްވެސް ރޭވިފައިވާ ކަމަށާއި، އޭގެ ތެރޭގައި ކުޑަކުދިންގެ ހަވީރަކާއި ރަސްމީ ޖަލްސާގެ އިތުރުން އެހެނިހެން ހަރަކާތްތައް ކުރިއަށްދާނެ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. އަދި ފުލުހުންގެ ހަރަކާތްތައް މީޑިއާ މެދުވެރިކޮށް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގައި ޚަބަރު ފަތުރާ ވަސީލަތްތަކުން އަދާކުރާ ދައުރަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަމުގައި އެމަނިކުފާނު ވަނީ މީޑިއާތަކަށްވެސް ޝުކުރު އަދާކުރައްވާފައެވެ.