
އިންޓަރޕޯލްގެ ގްލޯބަލް ކޮމްޕްލެކްސް ފޮރ އިނޮވޭޝަން (އައިޖީސީއައި) އިން ސިންގަޕޫރުގައި ކުރިއަށްގެންދިޔަ "ކްރައިމްސް އެގެއިންސްޓް ޗިލްޑްރަން ވިކްޓިމް އައިޑެންޓިފިކޭޝަން ޓާސްކްފޯސް އޭޝިއާ" ޕްރޮގްރާމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮފިސަރަކު ބައިވެރިވެއްޖެއެވެ.
2026 އޮގަސްޓް 31 އިން ސެޕްޓެމްބަރު 4 ގެ ނިޔަލަށް ސިންގަޕޫރުގައި ކުރިއަށްދިޔަ މި ޕްރޮގްރާމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ކްރައިމްސް އެގެއިންސްޓް ޗިލްޑްރަންގައި މަސައްކަތްކުރައްވާ އިންސްޕެކްޓަރ އޮފް ޕޮލިސް ޝަނާޒް އަޙްމަދެވެ.
ސަރަހައްދީ ގައުމުތަކުގެ ސްޕެޝަލައިޒްޑް އިންވެސްޓިގޭޝަން އޮފިސަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މަންޒަރުތައް ހިމެނޭ ތަކެތި ތަހުލީލުކޮށް ދިރާސާކުރުމުގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ހިންގުނު ޕްރޮގްރާމެކެވެ. އަދި، ބައިވެރިންގެ މެދުގައި ތަޖުރިބާއާއި ހުނަރު ބަދަލުކުރުމުގެ ތެރެއިން، އަނިޔާ ލިބޭ ކުދިންނާއި ކުށްކުރާ ފަރާތްތައް ދެނެގަތުމަށާއި، ތަހުގީގުތަކަށް ބޭނުންވާ މުހިންމު މައުލޫމާތު ހޯދުމުގެ ހުނަރުތައް މި ޕްރޮގްރާމުން ލިބިގެންދާނެއެވެ.
މީގެއިތުރުން، މި ޕްރޮގްރާމުގެ ސަބަބުން ބައިވެރިވި ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މެދުގައި ބައިނަލްއަގުވާމީ ފެންވަރުގައި މައުލޫމާތު ބަދަލުކުރުމާއި، އެއް އަމާޒަކަށް ގުޅިގެން މަސައްކަތްކުރުމަށް މަގުފަހިވެ، ކާމިޔާބު ތަހުގީގުތަކެއް ހިންގުމަށް މަގުފަހިވެގެންދާނެއެވެ.