
ދެކުނުގެ ސަރަހައްދުގައި މަސައްކަތްކުރާ ފުލުހުންގެ އެކޮމޮޑޭޝަނާއި އިދާރީ ވަސީލަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އައްޑޫ ސިޓީ ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފިއެވެ.
2026 ސެޕްޓެމްބަރު 7 ވަނަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ތިން ބުރީގެ 40 މީހުންގެ ޖާގައިގެ މި އިމާރާތް ހުޅުވައިދެއްވީ ޝަރަފުވެރި މެހުމާން، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ސަދަން ޕޮލިސް ކޮމާންޑަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރަޝީދާއި، ސައުތު ޕޮލިސް ކޮމާންޑަރ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝާކިރުގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫއަކީ އައްޑޫ ސިޓީއާއި ދެކުނުގެ ސަރަހައްދުގައި ހިދުމަތްކުރާ ފުލުހުންގެ ދިރިއުޅުމުގެ ހާލަތާއި މަސައްކަތުގެ މާހައުލު އިތުރަށް ރަނގަޅުކުރުމުގެ ބޭނުމުގައި ހިންގުނު މަޝްރޫއެކެވެ. މި އިމާރާތުގައި ރަނގަޅު ފެންވަރުގެ އެކޮމޮޑޭޝަން ވަސީލަތްތަކުގެ އިތުރުން، އިދާރީ އަދި އާންމު ހިދުމަތްތަކަށް ހާއްސަ ބައިތައް ވަނީ ހިމަނާފައެވެ. އެގޮތުން ކޮމާންޑަށް ބޭނުންވާ އޮފީސް ޖާގައާއި، ބައްދަލުވުންތަކަށް ހާއްސަ ކޮންފަރެންސް ރޫމަކާއި، ކޮމަން އޭރިއާތައް ހިމެނެއެވެ. އަދި މި އިމާރާތް ފުރިހަމަކޮށްފައިވަނީ ފުލުހުންނަށް ފަސޭހަކަމާއެކު ދިރިއުޅެވޭނެ ގޮތަށް ބޭނުންވާ އެންމެހައި ފަރުނީޗަރާއި އެހެނިހެން އަސާސީ ވަސީލަތްތަކާ އެކުގައެވެ.
މި މަޝްރޫއުގެ އާކިޓެކްޗަރަލް ޑިޒައިން 2022 ވަނަ އަހަރު ދިވެހި ފުލުހުންގެ ޚިދުމަތުގެ އިންފްރާސްޓްރަކްޗަރ އެންޑް ބިލްޑިންގ ޑިވެލޮޕްމަންޓް ޓީމުން ތައްޔާރުކޮށްފައިވާއިރު، މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2023 ޖަނަވަރީ 8 ގައެވެ. އަދި 2023 ޖަނަވަރީ 15 ގައި ސައިޓް ހަވާލުކޮށް، އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ 2023 ފެބުރުވަރީ 14 ގައެވެ.
ހިތަދޫ ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ހުޅުވުމަކީ މާލެ ސަރަހައްދުން ބޭރުގައި މަސައްކަތްކުރާ ފުލުހުންގެ ދިރިއުޅުމާއި މަސައްކަތުގެ މާހައުލު ރަނގަޅުކޮށް، މުޅި ރާއްޖޭގައި ފުލުހުންގެ އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.