
އައްޑޫ ސިޓި މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގައި ހިންގާ ގެސްޓްހައުސްތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މި ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު ގަން ޕޮލިހުން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، ގެސްޓްހައުސްތަކުގެ އިސްވެރިންނާ ބައްދަލުކޮށް މައުލޫމާތު ދީފައިވެއެވެ. އެގޮތުން، ތަނުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމާއި، ސީ.ސީ.ޓީ.ވީ ކެމެރާ ހަރުކުރުމުގެ މުހިންމުކަމާއި، ގެސްޓްހައުސްތަކުގެ އާންމު ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކިޔައިދީފައިވެއެވެ. އަދި ފަތުރުވެރިންނާއި އާންމުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ގެސްޓްހައުސްތަކުގެ ސަލާމަތީ އިންތިޒާމުތައް ހުރި މިންވަރު ބަލައި، އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަކޮށް އެ ކަންކަން ރަނގަޅުކުރުމަށް އިރުޝާދުދީފައިވެއެވެ.
އޭގެ އިތުރުން، ސްކޭމްގެ މައްސަލަތަކުން ސަލާމަތްވެތިބުމަށާއި، މަކަރާއި ހީލަތުގެ ފޯން ކޯލްތަކާއި، ފޯޖުކޮށްފައިވާ ޓްރާންސްފަރ ސުލިޕް ދެނެގަތުމަށާއި، އެކައުންޓަށް ފައިސާ ޖަމާވިކަން ޔަގީންކުރުމަށްފަހު މެނުވީ އެއްވެސް ހިދުމަތެއް ނުދިނުމަށް އިލްތިމާސްކޮށްފައިވެއެވެ.
މި ހަރަކާތުގެ ތެރެއިން، ދާއިރާގައި އާންމުކޮށް ހިނގާ މައްސަލަތަކާއި، ޓްރެފިކް އަދި ޕާކިންގގެ ދަތިތަކާއި، ދުވާލާއި ރޭގަނޑު ފުލުހުން ކުރިއަށްގެންދާ ޕެޓްރޯލްތަކުގައި ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ސަރަހައްދުތައް ފާހަގަކުރުމާއި، ކުޑަކުދިން ކުށްތަކަށް ހުށަހެޅުން ހުއްޓުވުމަށް ގުޅިގެން މަސައްކަތްކުރުމަށާއި، ބޮޑެތި މީހުން ކުޑަކުދިން ލައްވައި ކުށްކުރުވާ މައްސަލަތަކާ މެދު ހޭލުންތެރިކަން އިތުރުކުރުވުމަށް ވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ފުލުހުންނާއި ގެސްޓްހައުސްތަކާ ދެމެދު އޮންނަ ގުޅުން ހަރުދަނާކޮށް، މުޖުތަމައުގެ ފަރާތްތަކުން ހުށަހަޅާ ކަންބޮޑުވުންތަކާއި ޝަކުވާތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ހިޔާލުބަދަލުކޮށް މަޝްވަރާކޮށްފައިވެއެވެ.
ހަމައެހެންމެ، އަމާން މާހައުލެއް ގާއިމުކުރުމަކީ ހަމައެކަނި ފުލުހުންގެ ޒިންމާއެއް ނޫންކަމާއި، މުޖުތަމައު ގުޅިގެން މަސައްކަތްކޮށްފިނަމަ ކުށް މަދުކުރެވި، އަމާން ވެއްޓެއް ބިނާކުރެވޭނެކަން ވަނީ ހަނދާންކޮށްދީފައެވެ. އަދި ގަން ޕޮލިހުން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި، ފުލުހުންގެ މަސައްކަތްތަކާ ގުޅޭގޮތުން އެ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ ވެސް ވަނީ ހޯދާފައެވެ.