ފެމިލީ އެންޑް ޗައިލްޑް ސެންޓަރޑް އިންވެސްޓިގޭޝަން ކޯސް-18 އަދި ސީން އޮފް ކްރައިމް އޮފިސަރސް ބޭސިކް ކޯސް-7 ނިންމައި، ބައިވެރިންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ދެ ކޯސް ކުރިއަށް ގެންގޮސްފައިވަނީ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ ފަރާތުންނެވެ.
މި ދެ ކޯސް ނިންމުމަށް، މި މަހު 9 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲއެވެ. މި ރަސްމިއްޔާތުގައި، ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ ޓްރެއިނިންގ އެންޑް އެޑިއުކޭޝަން ޑައިރެކްޓަރ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމާ ސަޢީދު ބައިވެރިވެލެއްވިއެވެ.
މި ދެ ކޯހުގެ ތެރެއިން ފެމިލީ އެންޑް ޗައިލްޑް ސެންޓަރޑް އިންވެސްޓިގޭޝަން ކޯސް-18 އަކީ ގެވެށި އަނިޔާއާއި ޖިންސީ ކުށުގެ އަނިޔާއަށް ހުށަހެޅޭ ފަރާތްތަކާއެކު މަސައްކަތްކުރާ ތަހުގީގު އޮފިސަރުންނަށް އެކަމުގެ ހާއްސަ ތަމްރީނު ދިނުމަށާ އަދި ތަހުގީގުތަކުގައި ކުޑަކުދިންނާ ސުވާލުކުރުމުގެ ހުނަރު އިތުރަށް ދަސްކޮށްދިނުމަށް ކުރިއަށް ގެންދިޔަ ކޯހެކެވެ.
ޖުލައި 26 އިން އޮގަސްޓު 11 އަށް ކުރިއަށް ގެންދިޔަ މި ކޯސް 25 ފުލުހުން ފުރިހަމަކޮށްފައިވެއެވެ. ކޯހުން އެއްވަނަ އަށް ހޮވިފައިވަނީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޑރ. ރިޝްވީނާ އަޙްމަދުއެވެ.
ސީން އޮފް ކްރައިމް އޮފިސަރސް ބޭސިކް ކޯސް ފަރުމާކުރެވިފައިވަނީ ކުށުގެ ވެށި ތަހުގީގުކުރުމަށް ބޭނުންވާ މައުލޫމާތާއި، ކުށުގެ ވެށީގައި ހަރަކާތްތެރިވާނެ ގޮތުގެ އަމަލީ ތަޖުރިބާ ފޯރުކޮށްދީ، ކުށުގެ ވެށީގައި ހަރަކާތްތެރިވެ، ތަހުގީގުކުރާނެ އޮފިސަރުންތަކެއް ތަމްރީނު ކުރުމަށެވެ.
މި ކޯހުގައި، ފޮރެންސިކް ސައިންސް، މާއްދީ ހެކި، ޑީ.އެން.އޭ، ފިނަގރޕްރިންޓް، ޑޮކިއުމެންޓް އެގްޒަމިނޭޝަން އަދި ޑިޖިޓަލް އެވިޑެންސްގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ސީން އޮފް ކްރައިމް އޮފިސަރެއްގެ ގާނޫނީ ޒިންމާއާއި، ސަމާލުކަންދޭންޖެހޭ އިޖުރާއަތްތަކާއި، ހެކި ނެގުމާއި، ބަންދުކުރުމާއި، ރައްކާތެރިކުރާނެ ގޮތުގެ ތަފުސިލީ މައުލޫމާތު ދީފައިވެއެވެ. އަދި ސީން އޮފް ކްރައިމް އޮފިސަރު ރިޕޯޓް ތައްޔާރުކުރާނެ ގޮތާއި، ރިޕޯޓުގެ މައްޗަށް ކޯޓުގައި ހެކިބަސްދޭނެ ގޮތް ވެސް މި ކޯހުގެ ތެރެއިން ދަސްކޮށްދީފައިވެއެވެ.
އޮގަސްޓް 2 އިން ސެޕްޓެމްބަރު 3 އަށް ކުރިއަށް ގެންދިޔަ މި ކޯސް 29 މުވައްޒަފުން ފުރިހަމަކޮށްފައިވެއެވެ. މި ކޯހުން އެއްވަނަ އަށް ހޮވިފައިވަނީ ފޮރެންސިކް އެނަލިސްޓް އަސިޔަތު މަންހަތު މުޙައްމަދުއެވެ.