
ގަނާކުރުމުން ދުރުހެލިކުރުވުމަށް ފ. މަގޫދޫ ސުކޫލު ގުރޭޑު 4،6،7،8 ގެ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. މި ސެޝަނަކީ ކުށްމަދު އަމާން މުޖުތަމައެއް ބިނާކޮށް، މުޖުތަމައުގައި ހިނގާ ނޭދެވޭ ކަންތައްތަކުން ސުކޫލު ދަރިވަރުން ދުރުހެލިކުރުވައި ހޭލުންތެރިކުރުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.
މަގޫދޫ ޕޮލިސް ސްޓޭޝަނާއި, ސުކޫލު އަދި ކައުންސިލު ގުޅިގެން މިއަދު ކުރިއަށް ގެންދިޔަ މި ސެޝަންގައި، ގަނާކުރުމަކީ ކޮބައިކަމާއި، ގަނާކުރުމުން ދުރުހެލިވެ ރައްކާތެރިވާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި އެހެން ކުދިން އެކަމުން ރައްކާތެރިކުރުމަށް މަސައްކަތްކުރާނެ ގޮތްތައް ކިޔައިދީފައިވެއެވެ. އަދި ގަނާކުރުމުގެ ސަބަބުން ނުކުންނަ ނުރަނގަޅު ނަތީޖާއާއި ގަނާގެ ޝިކާރައަށްވާ ކުއްޖާއަށް އެކަމުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކާއި ދިމާވާ ހިތާމަވެރި ހާދިސާތަކުން ތިމާއާއި އާއިލާ ސަލާމަތްކުރާނެ ގޮތްތައް ކިޔައިދީފައިވެއެވެ. އޭގެ އިތުރުން، މިކަން ހުއްޓުވުމަށް ދަރިވަރުންނަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް މައުލޫމާތު ދީފައިވެއެވެ.
މި ސެޝަންގެ ތެރެއިން ދަރިވަރުންގެ ހިޔާލު ހޯދައި މަޝްވަރާކޮށް ދަރިވަރުންގެ ހިޔާލުތައް ހުށަހަޅައިދީފައިވެއެވެ. އެގޮތުން ގަނާ އަދި ފުރައްސާރަކޮށް ޖެއްސުންކުރާނަމަ އަމަލުކުރާނެގޮތާއި، ގަނާ ރައްދުވާ ކުއްޖާއަށް ކުރެވޭނެ އިހުސާސްތަކާއި، ގަނާކުރުން ހުއްޓުވުމަށް ދަރިވަރުންނަށް ކުރެވޭނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. މި ސެޝަންގައި 77 ދަރިވަރުން ބައިވެރިވިއެވެ.