
60،000 އަށްވުރެ ގިނަ ރުފިޔާގެ އަގުހުރި ތަކެތި ވަގަށްނެގިކަމުގެ ތުހުމަތުގައި ގއ. މާމެންދޫއިން ދެ މީހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޢަންދަލީބުގެ / ގއ. މާމެންދޫ، އަޙްމަދު ސަޢުދު (42އ) އާއި ސަންލައިޓްވިލާ / ގއ. މާމެންދޫ، ޙަމްދޫން ޙަސަން (33އ) އެވެ. މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޙަމްދޫން ޙަސަން 15 ދުވަހަށް އަދި އަޙްމަދު ސަޢުދު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މާމެންދޫ ގެސްޓު ހައުސް އަކާއި ރަށު ސިއްހީ މަރުކަޒު ބޭސްފިހާރައިން ވައްކަންކޮށްފައިވާ މައްސަލަ މި ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވެއެވެ. މި މައްސަލަ ހުށަހެޅުމާއެކު މައްސަލައިގެ ތަހުގީގު ފަށައި، ތުހުމަތުކުރެވޭ މީހުންނާއި އެ މީހުން ވަގަށްނެގި ތަކެތި ހޯދުމަށް ކުރެވުނު މަސައްކަތުން، އެ މީހުންނާއި ގެސްޓު ހައުސްއާއި ބޭސްފިހާރައިން އެ މީހުން ވަގަށްނެގި ތަކެތި ވެސް ފުލުހުން ވަނީ ހޯދާފައެވެ.
ގެސްޓު ހައުސްއިން ވަގަށްނެގި ތަކެތީގެ ތެރޭގައި ހިމެނެނީ މެކްބުކް ސަރފޭސް ޕްރޯއަކާއި، ޑީޖޭއައި ޑްރޯން ކެމެރާ ސެޓްގެ އިތުރުން ގޯޕްރޯއަކާއި، ކެނޮން ކެމެރާއެކެވެ. ބޭސްފިހާރައިން ވަގަށްނެގި ތަކެތީގެ ތެރޭގައި ފައިސާއާއި އެހެނިހެން ތަކެތި ހިމެނެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.