
ހދ. ފިނޭ ސުކޫލު ގުރޭޑު 5 އިން މަތީގެ ދަރިވަރުންނަށާއި ބެލެނިވެރިން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މި މަހު 12 ވަނަ ދުވަހު ފިނޭ ސުކޫލުގައި ކުރިއަށްގެންދިޔަ މި ސެޝަންތަކަކީ ކުށްމަދު އަމާން ޖީލެއް ބިނާކުރުމަށާއި، އަހުލާގު ރަނގަޅު ދަރިވަރުންތަކެއް އުފައްދައި، ރައްކާތެރި މުޖުތަމައަކަށް ދަރިވަރުންނާއި ރައްޔިތުން އަހުލުވެރިކުރުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ ސެޝަންތަކުގައި، ރަނގަޅު އަހުލާގެއްގެ ވެރި ކުއްޖަކަށް ވުމަށްޓަކައި ކުރެވިދާނެ މަސައްކަތްތަކާއި ކުށުގެ މާހައުލުން ރައްކާތެރިވެ ތިބުމުގެ މުހިންމުކަމާއި، ރަނގަޅު ނަތީޖާއަކާއެކު ތައުލީމީ ދައުރު ނިންމުމަށް މަސައްކަތްކުރުމަށާއި،މުދައްރިސުންނާއި ބެލެނިވެރިންގެ ބަސްގަބޫލުކުރުމަށާއި، ކިޔެވުމުގައާއި އެހެނިހެން ކަންކަމުގައި ވެސް އެއް ކުއްޖަކު އަނެއް ކުއްޖަކަށް އެހީތެރިވެދިނުމުގެ އިތުރުން މުއާމަލާތުކުރުމުގެ ރަނގަޅު ހުނަރުތައް ދަސްކުރުމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރެވުނެވެ.
އަދި އިހުތިރާމުކުރުމާއި، ވަގުތަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ތެދުވެރިކަން އިސްކުރުމުގެ އިތުރުން ދީނީ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިރުޝާދު ދެވުނެވެ. މީގެއިތުރުން ވެސް، ރައްކާތެރިކަމާއެކު އިންޓަނެޓް ބޭނުންކުރާނެ ގޮތްތަކާއި ނުދަންނަ ފަރާތްތަކާ ގުޅުން ބަދަހި ނުކުރުމަށާއި، ނޭދޭވޭ ނުރައްކާތެރި އާދަތަކުން ދުރުހެލިވެ ތިބުމަށް އިރުޝާދު ދެވުނެވެ. އަދި ސުކޫލުގެ ގަވާއިދުތަކަށާއި އާންމު އިޖުތިމާއީ މިންގަނޑުތަކަށް ބޯލެނބުމުގެ މުހިންމުކަމާއި، ސުކޫލުގައި ހިންގާ އިތުރު ހަރަކާތްތަކުގައި ބައިވެރިވެ ނަފުސާނީ ދުޅަހެޔޮކަން ދެމެހެއްޓުމާ ގުޅޭގޮތުން ވެސް މައުލޫމާތު ހިއްސާކުރެވުނެވެ.
ބެލެނިވެރިންނަށް ކުރިއަށްގެންދިޔަ ސެޝަންގައި، ރަނގަޅު ބެލެނިވެރިއެއްގެ ރޯލަކީ ކޮބައިކަމާއި، ދަރިން ކުށްތަކުން ރައްކާތެރިކުރުމަށް ބެލެނިވެރިއެއްގެ ހައިސިއްޔަތުން ކުރެވޭނެ ކަންކަމާއި، ދަރިން ވަގުތު ހޭދަކުރާގޮތް ރަނގަޅަށް މޮނީޓަރުކުރުމަށް އިރުޝާދު ދެވުނެވެ. އެގޮތުން ދަރިން އެކުވެރިންގެ ގޮތުގައި ގެންގުޅޭ ކުދިންނަކީ ކޮބައިތޯ ބެލުމަށާއި، ރޭގަނޑު ބޭކާރު ގޮތުގައި މަގުމަތީގައި އުޅުމަށް ފުރުސަތު ނުދިނުމަށާއި، ފިލާވަޅުތައް ފަރިތަކުރުމުގައި ވަގުތު ހޭދަކުރުމަށް ބާރުއެޅުމަށް އިރުޝާދު ދެވުނެވެ.
އަދި އިންޓަނެޓްގައި ދަރިން ހޭދަކުރާ މިންވަރު ކޮންޓްރޯލްކޮށް، އިންޓަނެޓް މެދުވެރިކޮށް ދަރިން ކުރާ ކަންކަން ރަނގަޅަށް ބެލެހެއްޓުމަށް ވެސް އިރުޝާދު ދެވުނެވެ. މީގެއިތުރުން ވެސް، ދަރިންގެ އިހުސާސްތަކާއި ކަންބޮޑުވުންތައް އަޑުއަހައި އެކުދިންނާއެކު އޯގާތެރިކަމާއެކު ވަގުތު ހޭދަކުރުމުގެ މުހިންމުކަން ބުނެދެވުނެވެ. އަދި އަހުލާގީ ގޮތުންނާއި ދީނީގޮތުން ރަނގަޅު އާދަތައް ދަރިންގެ ކިބައިގައި އަށަގަންނުވައި، ބެލެނިވެރިން ނަމޫނާ ދެއްކުމަށާއި ދަރިންގެ ތައުލީމާއި އަހުލާގާ ގުޅޭގޮތުން މުދައްރިސުންގެ މަޝްވަރާ އާއި ހިޔާލު ހޯދުމުގެ މުހިންމުކަން ވެސް ބުނެދެވުނެވެ.
ފިނޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމުކޮށްގެން، ސުކޫލާއި ފުލުހުން ގުޅިގެން ކުރިއަށްގެންދިޔަ މި ސެޝަންތަކުގައި ގުރޭޑު 5 އިން މަތީގެ ހުރިހާ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިން ބައިވެރިވިއެވެ.