
ސެޓިފައިޑް ޓްރެއިނަރ ކޯހުގެ 17 ވަނަ ބުރު ނިންމައި، ކޯސް ފުރިހަމަކުރި މުވައްޒަފުންނަށް ހަނދާނީ ލިޔުން ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މި ކޯސް ނިންމުމަށް ލ. ގަމުގައި މި މަހު 12 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ކޯހުގެ ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ސަދަން ޕޮލިސް ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރަޝީދުއެވެ. މި ރަސްމިއްޔާތުގައި ސައުތު ސެންޓްރަލް ރީޖަން ކޮމާންޑަރު ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާތިމަތު ނަޝްވާއާއި، ސެންޓަރ ފޯރ ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ސްޓަޑީޒް ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް މުނާޒް ބައިވެރިވެލެއްވިއެވެ.
މިދިޔަ އޮގަސްޓު މަހުގެ 30 އިން ސެޕްޓެމްބަރު 10 އަށް ކުރިއަށްގެންދިޔަ މި ކޯހުން އެއްވަނަ ހާސިލުކޮށްފައި ވަނީ ޕޮލިސް ސާވިސް އެޑްމިނިސްޓްރޭޓަރ ޢާއިޝަތު ޝަފަޤްއެވެ. މި ކޯހުގައި، މި ޚިދުމަތުގެ 15 މުވައްޒަފުން ބައިވެރިވިއެވެ.
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ސިލްސިލާކޮށް ކުރިއަށްގެންދާ މި ކޯހަކީ، ބޮޑެތި މީހުންނަށް އުނގަންނައިދިނުމުގެ އަސާސީ އުސޫލުތަކާއި، ފިލާވަޅުތައް ތަރުތީބުކޮށް ފޯރުކޮށްދޭނެ ފަންނީ ގޮތްތައް ދަސްކޮށްދިނުމުގެ އިތުރުން، ކިޔަވައިދިނުމަށް ބޭނުންވާނެ އިލްމާއި ހުނަރާއެކު ސަނަދުލިބިފައިވާ ތަމްރީނުދޭ މީހުން ބިނާކުރުމަށް ހިންގާ ކޯހެކެވެ.
މި ކޯހުގައި “މެނޭޖިންގް ގްރޫޕްސް އިން ޓްރެއިނިންގ، ކޮމިއުނިކޭޝަން ސްކިލް، ދަ އެކްސްޕީރިއަންޝިއަލް ލާނިންގ، ޑިޒައިނިންގ އަ ޓްރެއިނިންގ، ޕްރެޒެންޓޭޝަން އެންޑް ޑެލިވަރީ ސްކިލްސް، ކްލޯޝަރ އެންޑް އިވެލިއޭޝަން” ފަދަ ބައިތައް އުނގަންނައިދީފައިވެއެވެ.