
ހުޅުމާލެ ޓްރެފިކް ފުލުހުން ހާއްސަ "ސައިލެންޓް ޑްރިލް" އެއް ބާއްވައިފިއެވެ. މި ހަރަކާތަކީ ހުޅުމާލޭގެ މަގުތަކުގައި އެކްސިޑެންޓް ގިނަވެ ނުރައްކާތެރި ހާދިސާތައް ހިނގުން އިތުރުވަމުންދާތީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
އޮފީސްތައް ނިމިގެން ގިނަ އަދަދެއްގެ ބަޔަކު ހުޅުމާލެއަށް އަރާ ވަގުތާ ދިމާކޮށް، ހުޅުމާލެ ސަހަރާ ކައިރީގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި މަގުމަތީގެ ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށާއި، ދުއްވާ މީހުންގެ ސަމާލުކަން ހޯދުމުގެ ގޮތުން، ރައްކާތެރިކަމުގެ މުހިންމު މެސެޖުތައް ހިމެނޭ ބޯޑުތައް، މަގުން ދަތުރުކުރާ އުޅަނދުތަކަށް ރަނގަޅަށް ފެންނާނެހެން ހިފަހައްޓައިގެން ތިބެ ފުލުހުން ދައްކާލާފައި ވެއެވެ.
މި ޑްރިލްގެ ތެރެއިން މައިގަނޑު ގޮތެއްގައި ބާރުއަޅާފައިވަނީ މަގުމަތީގެ ހާއްސަ ސަމާލުކަންދޭންޖެހޭ ކަންކަމަށެވެ. އެގޮތުން ބާރުސްޕީޑުގައި އުޅަނދު ނުދުއްވުމަށާއި، މަގުމަތީގެ ނިޝާންތަކަށް ބޯލެނބުމަށާއި، ދުއްވާއިރު ފޯނު ބޭނުން ނުކުރުމުގެ އިތުރުން އުޅަނދު ދުއްވާ ކޮންމެ މީހަކު ވެސް އަނެކާގެ ސަލާމަތަށް ވިސްނައިގެން އުޅަނދު ދުއްވުމަށް މި ބޯޑުތަކުން އިލްތިމާސްކޮށްފައިވެއެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މި މަހު 10 ވަނަ ދުވަހުއެވެ. ސިލްސިލާކޮށް ކުރިއަށްގެންދާ މި ހަރަކާތްތަކަކީ މަގުތަކުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.
މަގުމަތީގެ ނުރައްކާތެރި ހާދިސާތައް ގިނަވަމުންދާތީ، ހުޅުމާލޭގެ މަގުތަކަކީ އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ހުޅުމާލެ ޓްރެފިކް ޕޮލިހުން އަންނަނީ މެދުކެނޑުމެއްނެތި ހޭލުންތެރިކުރުމުގެ އެކި ހަރަކާތްތައް ހިންގަމުންނެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ އިތުރު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.