
ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް އިން އިންތިޒާމުކޮށްގެން ސްރީލަންކާގެ ކޮޅުނބުގައި ކުރިއަށްގެންދިޔަ "ރީޖަނަލް ވާރކްޝޮޕް އޮން މެރިޓައިމް ޑޮމެއިން އެވެއަރނަސް އޭޒް ޑިޖިޓަލް އެވިޑެންސް" މަސައްކަތު ބައްދަލުވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮފިސަރަކު ބައިވެރިވެއްޖެއެވެ.
2026 ސެޕްޓެމްބަރު 13 އިން 15 ގެ ނިޔަލަށް ކުރިއަށްދިޔަ މި މަސައްކަތު ބައްދަލުވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުލްޙަފީޡް އިބްރާހީމެވެ.
މި މަސައްކަތު ބައްދަލުވުމަކީ މެރިޓައިމް ޑޮމެއިން އެވެއަރނަސް އަދި ޑިޖިޓަލް ހެކިތަކާ ގުޅޭގޮތުން ޔޫއެންއޯޑީސީން އެކުލަވާލާފައިވާ މެނުއަލަށް އަހުލުވެރިކުރުވުމަށާއި، ކަނޑުމަތީގެ ކުށްތަކާއި މަސްވެރިކަމާ ގުޅޭ މައްސަލަތަކުގެ އިތުރުން ކަނޑުގެ ތިމާވެށި ތަގައްޔަރުވުމާ ގުޅޭ މައްސަލަތައް ތަހުގީގުކުރުމުގައި މި މެނުއަލްގެ ބޭނުން ހިފިދާނެ އަމަލީ ގޮތްތައް ދެނެގަތުމަށް ބޭއްވި ބައްދަލުވުމެކެވެ.
މީގެއިތުރުން، އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް، ވެސެލް މޮނިޓަރިންގ ސިސްޓަމް، ސެޓެލައިޓް އިމޭޖަރީ، ރާޑަރ އަދި ޑްރިފްޓް މޮޑެލިންގ ފަދަ ޑިޖިޓަލް ވަސީލަތްތަކުން ލިބޭ މައުލޫމާތުތައް ތަހުގީގުތަކާއި، ދައުވާ އުފުލުމާއި، ޝަރީއަތުގެ މަރުހަލާތަކުގައި ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ކޯޓުތަކަށާއި ކަމާބެހޭ އިދާރާތަކަށް މިފަދަ ޑިޖިޓަލް ހެކި ބަލައިގަތުމުގައި ދިމާވާ ގާނޫނީ، އިޖުރާއީ އަދި ފަންނީ ހުރަސްތައް ދެނެގަނެ، އެފަދަ ހެކި އެއްކުރުމާއި، ރައްކާތެރިކުރުމާއި، ސައްހަކަން ކަށަވަރުކުރުމުގެ ބައިނަލްއަގުވާމީ އަދި ސަރަހައްދީ ތަޖުރިބާތައް ބައިވެރިންގެ މެދުގައި ވަނީ ހިއްސާކޮށްފައެވެ.