
ޓްރެފިކް ޕޮލިސް އަދި ރޯޑް މެނޭޖްމަންޓުގެ ފުލުހުންނަށް “ކެޝުއަލްޓީ ކެއަރ ފޮރ އޮޕަރޭޝަނަލް ޕޮލިސިންގ - ވޯކްޝޮޕް 1” ބާއްވައިފިއެވެ.
ޕޮލިސް މެޑިކަލް ސާވިސްއާ ގުޅިގެން މި މަހު 20 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ވޯކްޝޮޕަކީ ފުލުހުންގެ އޮޕަރޭޝަނަލް މަސައްކަތްތަކުގެ ތެރެއިން ދިމާވާ ސިއްހީ ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ މައުލޫމާތާއި، އަނިޔާލިބޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އަމަލީ ހުނަރު އޮފިސަރުންގެ ކިބައިގައި އިތުރުކުރުމަށް ބޭއްވި ވޯކްޝޮޕެކެވެ.
މި ވޯކްޝޮޕްގައި، އަނިޔާގެ މިންވަރު ދެނެގަންނާނެ ގޮތާއި، ފުރާނަ ސަލާމަތްކުރުމަށް ދޭންޖެހޭ ފުރަތަމަ އެހީ ދިނުމަށް އޮފިސަރުން އަހުލުވެރިކުރުވުމަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ހާދިސާ ހިނގި ސަރަހައްދު ރައްކާތެރިކަމާއެކު ބެލެހެއްޓުމަށާއި، އަނިޔާ ލިބުނު މީހުން ރައްކާތެރިކަމާއެކު އެހެން ތަނަކަށް ބަދަލުކުރުމުގައި އަމަލުކުރާނެ އެންމެ ރަނގަޅު ގޮތްތަކަށް އޮފިސަރުން ތައްޔާރުކުރުމަށް ވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
މި ތަމްރީނަކީ ޓްރެފިކް ޕޮލިސް އަދި ރޯޑް މެނޭޖްމަންޓް އޮފިސަރުންގެ އޮޕަރޭޝަނަލް މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ކުއްލި ހާލަތްތަކުގައި އަވަސް އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.