
ވިމެން އިން ޕޮލިސިންގ ޑޭ ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން، މާލެ ސަރަހައްދުގެ އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން ފޯރަމެއް ބާއްވައިފިއެވެ.
ދުސިތު ޑީޓޫ ފޭދޫ މޯލްޑިވްސްގައި މިއަދު ބޭއްވި މި ފޯރަމް ޝަރަފުވެރިކޮށްދެއްވީ ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީ އާ ބެހޭ ވަޒީރު ޤީލާ ޢަލީއެވެ. މި ފޯރަމްގައި، ދާޚިލީ ސަލާމަތާއި، މަސައްކަތްތެރިކަމާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިހުސާންއާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުއާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން މި ޚިދުމަތުގެ ބައެއް އިސް އޮފިސަރުންނާއި ވިމެން އިން ޕޮލިސިންގ ކޮމެޓީގެ އިސްވެރިންގެ އިތުރުން ކޮމެޓީގެ މެންބަރުންނާއި މި ޚިދުމަތުގެ ބައެއް އަންހެން މުވައްޒަފުންނާއި ދައުވަތު އެރުވިގެން އެހެނިހެން ބޭފުޅުން ބައިވެރިވެލެއްވިއެވެ.

މި ފޯރަމްގެ ތެރެއިން، ވަޒީރު ޢަލީ އިހުސާންގެ ހާއްސާ މޯޓިވޭޝަނަލް ސެޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި ސެޝަންގައި، ފުލުހުންގެ މުއައްސަސާގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް އަލިއަޅުވާލައްވައި، އަންހެން މުވައްޒަފުން ކުރިއެރުވުމަށް ވަޒީރު ގެންގުޅުއްވާ ތަސައްވުރު ހިއްސާކުރެއްވިއެވެ.
މި ފޯރަމްގައި، ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި، ފްރަންޓްލައިންގައި މަސައްކަތްކުރާ އަންހެން ފުލުހުންގެ އަދަދު އިތުރުވުމަށް އެދޭކަން ހާމަކުރެއްވިއެވެ. އަދި އޮޕަރޭޝަނާއި ތަހުގީގީ ދާއިރާތަކުން ގިނަ އަންހެން މުވައްޒަފުން ފެނުމުގެ މުހިންމުކަމާއި، މުއައްސަސާގައި ދުޅަހެޔޮ، ފިޓްނެސް ރަނގަޅު މުވައްޒަފުން ތިބުމުގެ ބޭނުންތެރިކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ކޮންމެ އަންހެން ފުލުހަކީ ވެސް ކޮންމެފަދަ ހާލަތަކަށް ވެސް ތައްޔާރުވެގެން ހުންނަ މީހަކަށް ވާންޖެހޭނެކަމަށް ވިދާޅުވިއެވެ.
މި ފޯރަމްގައި، ފޯރަމް އިންތިޒާމުކުރުމުގައި އެކި ގޮތްގޮތުން އެހީތެރިވެދެއްވި ފަރާތްތަކުގެ އަގުވަޒަންކޮށް، އެ ފަރާތްތަކަށް ހަނދާނީ ފިލާ އަރުވާފައިވެއެވެ.
ވިމަން އިން ޕޮލިސިންގ ޑޭ ފާހަގަކުރުމުގެ ގޮތުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ތަފާތު ހަރަކާތްތައް ދަނީ ހިންގަމުންނެވެ. އެގޮތުން، އަތޮޅުތެރޭގައި މަސައްކަތްކުރާ އަންހެން ފުލުހުން ވެސް ޝާމިލުވާ ގޮތަށް މުޖުތަމައަށް ހެޔޮ ފޯރުވައިދިނުމުގެ ގޮތުން "އެކްޓް އޮފް ކައިންޑްނަސް" ހަރަކާތް ހިންގުމާއި، ވަޒީފާގެ މާހައުލުގައި ހުރި ގޮންޖެހުންތަކާއި ފަންނީ ކުރިއެރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް "ވިމެން އިން ޕޮލިސް ފޯރަމް" ބޭއްވުމުގެ އިތުރުން، ޓީމް ބިލްޑިންގ ހަރަކާތްތަކާއި އެކުވެރިކަން ބަދަހިކުރުމުގެ ބައްދަލުވުންތައް ރަށްރަށުގައި ވެސް ދަނީ ބާއްވަމުންނެވެ.