
ރައްޔިތުން ހޭލުންތެރިކުރުވުމަށް ނ. ހެނބަދޫގައި ވޯކް އެންޑް ޓޯކް ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މި ސެޕްޓެމްބަރު މަހުގެ 17 އިން 20 އަށް ހެނބަދޫ ޕޮލިހުން ކުރިއަށްގެންދިޔަ މި ހަރަކާތަކީ، އެރަށުގެ ގޭބީސީތަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުވުމަށާއި، ކުށުން ރައްކާތެރިކުރުމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
މި ހަރަކާތުގެ ތެރެއިން، އެރަށުގައި މީހުން ދިރިއުޅޭ ހުރިހާ ގޭބީސީއަކަށް ޒިޔާރަތްކޮށް، އެއްގަމު އުޅަނދު ދުއްވުމުގައި ސަމާލުކަން ދިނުމާއި، މަގުމަތީގެ ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ މައުލޫމާތު ފޯރުކޮށްދީފައިވެއެވެ. އަދި ކުށްމަދު، އަމާން މުޖުތަމައެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށާއި، ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކޮށްފައިވެއެވެ.
އޭގެ އިތުރުން، ރަށުގައި ފުލުހުން ދެމުންދާ ހިދުމަތްތަކާމެދު ރައްޔިތުންގެ ހިޔާލު ހޯދައި، ދެވޭ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، ރައްޔިތުން އެދޭ ކަންކަން އޮޅުންފިލުވާފައިވެއެވެ.
ރައްޔިތުންނާ ގާތުން މަސައްކަތްކޮށް ކުށްމަދު މުޖުތަމައެއް ބިނާކުރުމަށްޓަކައި، ޒަމާނީ ވަސީލަތްތަކުގެ އެހީގައި ރައްޔިތުން ހޭލުންތެރިކުރުވުމާއި، ފުލުހުންގެ މަސައްކަތްތައް ދުވަހުން ދުވަހަށް ތަރައްގީކުރުމަށް ފުލުހުން ދަނީ ރައްޔިތުންނާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.