
ކ. އަތޮޅުގެ ތިން ރަށަކަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދިއްފުށި، ހުރާ އަދި ތުލުސްދޫ ޕޮލިހުގައި މަސައްކަތްކުރާ މުވައްޒަފުންނާ ބައްދަލުކުރައްވައިފިއެވެ.
މިއަދު އެ މުވައްޒަފުންނާ ބައްދަލުކުރައްވައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި، ރަށްރަށުގެ ރައްޔިތުން މަސައްކަތްކުރަމުންދަނީ ފުލުހުންނާ ގުޅިގެން ވަރަށް ގާތުންކަން ފާހަގަކުރައްވައި، އެއީ ފުލުހުންގެ މަސައްކަތަށް ލިބިގެންދާ ވަރަށް ބޮޑު ފަސޭހައަކާއި ކުރިއެރުމެއްކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު، ވޭތުވެދިޔަ ތިރީހަކަށް އަހަރު ދުވަހު ކައުންސިލު އިދާރާތަކާއި، އަތޮޅުގޭގެ އިތުރުން އަމިއްލަ މީހުންގެ ގެދޮރު ކުއްޔަށް ހިފައިގެން މަރުކަޒުތައް ހިންގަން ޖެހިފައި އޮތް އޮތުމަށް ނިމުމެއް ގެނައުމަކީ މުއައްސަސާއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްކަމަށާއި، ރަށްރަށުގައި ފުލުހުންގެ އަމިއްލަ މަރުކަޒުތައް އެޅުމަށް ސަރުކާރުން އިސްނަންގަވައިގެން ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ފައްޓަވާފައިވާ 154 ޕޮލިސް ސްޓޭޝަން އެޅުމުގެ ބޮޑު މަޝްރޫގެ ތެރެއިން ސްޓޭޝަންތައް ގާއިމުކުރެވިގެން ދިއުމާއެކު ފުުލުހުންގެ މަސައްކަތަށާއި ފުލުހުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ފުލުހުންގެ އަހުލާގާއި ޑިސިޕްލިން އަދި ޔުނިފޯމް އެޅުމުގެ މިންގަނޑުތައް އެންމެ މަތީ ދަރަޖައިގައި ހިފެހެއްޓުމަށާއި، ރަށުތެރޭގައި ހިދުމަތް ދިނުމުގައި އަމިއްލަ އިސްނެގުމާއެކު ޒިންމާދާރުކަން ކުރިއަށް ނެރުމަށް ހުރިހާ މުވައްޒަފުންނަށް ކޮމިޝަނަރ ވަނީ ގޮވައިލައްވާފައެވެ.
މި ބައްދަލުވުންތަކުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ނޯތު ޕޮލިސް ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝަމީމްއާއި، ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުންނާއި، އެ ރަށްރަށުގައި މަސައްކަތްކުރާ ފުލުހުންނާއި، އާންމު މުވައްޒަފުންނާ ބަައިވެރިވެލެއްވިއެވެ.
މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ ފުލުހުންގެ މަރުކަޒުތަކަށް ކޮމިޝަނަރ ކުރެއްވުމަށް ހަމަޖެހިފައިވާ ޒިޔާރަތުގެ ތެރެއިން ކުރިއަށްގެންދާ ދަތުރުފުޅެކެވެ. އެގޮތުން މި ދަތުރުފުޅާއެކު މާލެ އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި ސްޓޭޝަންތަކުގެ ހާލަތު ވަޒަންކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.