
'އިންސްޕަޔަރިންގ ޔަންގް ލީޑާރސް' ގެ ނަމުގައި ކަލާފާނު ސުކޫލު ދަރިވަރުންނަށް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މި މަހު 26 ވަނަ ދުވަހު ކަލާފާނު ސުކޫލުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ ގްރޭޑް 10 ނިންމައި ދަރިވަރުން އަމަލީ މައިދާނަށް ނުކުންނައިރު އެ ދަރިވަރުންނަކީ ހަރުދަނާ، ޒިންމާދާރު އަދި މުޖުތަމައަށް ބޭނުންތެރި ހިދުމަތެއް ފޯރުކޮށްދޭނެ ދަރިވަރެއްގެ ގޮތުގައި ބިނާކުރުމާ އަދި ދަރިވަރުންގެ ހިތުގައި ގައުމީ އަޒުމު އުފެއްދުމެވެ.
މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި، ހެންވޭރު ޕޮލިސް ހެޑް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ވަލީދު ސަޢީދުއާއި، ހެންވޭރު ޕޮލިސް ނެއިބަހުޑް ސަޕޯޓް އެންޑް ކްރައިމް ޕްރިވެންޝަން އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ޒުބައިރު އަދި ކަލާފާނު ސުކޫލު ޑެޕިއުޓީ ޕްރިންސިޕަލް ޢަބްދުލް ފައްޠާޙް ބައިވެރިވެލެއްވިއެވެ.
މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ޑެޕިއުޓީ ޕްރިންސިޕަލް ޢަބްދުލްފައްތާޙު ދެއްކެވި ވާހަކަފުޅުގައި، މި ޕްރޮގްރާމަކީ ވަރަށް ކާމިޔާބު ޕްރޮގްރާމެއްކަން ފާހަގަކުރެއްވިއެވެ. އަދި ހާއްސަކޮށް ލީޑަރެއްގެ ސިފަތައް އިސްލާމީ ނަޒަރަކުންނާއި، ކައު އިތުރު ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސީރަތުން މިސާލު ނަންގަވައިގެން ކުލާސްތައް ކުރިއަށްގެންދިޔަކަން ފާހަގަކުރައްވައި، އެ މިސާލުތަކުން އިބުރަތް ހާސިލުކޮށް، ދަރިވަރުން އަމަލީ މައިދާނުގައި ކެތްތެރިކަމާއެކު ކުރިއަށްދިއުމަށް އެދިލެއްވިއެވެ.
މި ޕްރޮގްރާމުގެ ތެރެއިން އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމުގެ މުހިންމުކަމާއި، އިތުބާރާއި ޔަގީންކަމާއެކު ކުރިއަށް ދިއުމަށް ހިތްވަރުދިނުމުގެ އިތުރުން، ސޯޝަލް މީޑިއާ ފަދަ އިޖުތިމާއީ ވިއުގަތަކުގައި ރައްކާތެރިކަމާއެކު އުޅޭނެ ގޮތްތަކުގެ މައުލޫމާތު ދަރިވަރުންނަށް ވަނީ ފޯރުކޮށްދީފައެވެ. އަދި ގަނާކުރުމުގެ ޝިކާރައަކަށް ނުވެ، އެފަދަ އަމަލުތަކުން ސަލާމަތްވާނެ ގޮތްތަކާއި، އިސްލާމީ އަހުލާގުގެ މުހިންމުކަމުގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ގުޅޭގޮތުން ވެސް މައުލޫމާތު ދީފައިވެއެވެ.
މި ޕްރޮގްރާމަކީ ހެންވޭރު ޕޮލިސް ނެއިބަހުޑް ސަޕޯޓާއި، ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމަންޓު އަދި ކަލާފާނު ސުކޫލު ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި އެ ސުކޫލުގެ 148 ދަރިވަރުން ބައިވެރިވެ ކާމިޔާބުކަމާއެކު ޕްރޮގްރާމް ފުރިހަމަކޮށްފައިވެއެވެ.