
ފުލުހުންނަށް ކުލައާއި މެޑަލް ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތުގައި ކުލައާއި މެޑަލް ހަވާލުކޮށްފައި ވަނީ މާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންނަށެވެ.
އިސްކަންދަރު ބިލްޑިންގގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދުއެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، މި ޚިދުމަތުގެ އެގްޒެކެޓިވް ބައެއް އޮފިސަރުން ބައިވެރިވެލެއްވިއެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ދެއްކެވި ވާހަަކަފުޅުގައި، ކުލައާއި މެޑަލް ލިބުނު ފުލުހުންނަށް މަރުހަބާ ދެންނެވިއެވެ. އަދި އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ދިނުމަށް އެދިލެއްވިއެވެ.

މި ރަސްމިއްޔާތުގައި، މާލެ އޭރިއާގައި މަސައްކަތްކުރާ 130 ފުލުހަކަށް ކުލައާއި 86 ފުލުހަކަށް މެޑަލް ލިބިފައިވެއެވެ. އޭގެ އިތުރުން، އަތޮޅުތެރޭގައި މަސައްކަތްކުރާ 40 ފުލުހަކަށް ކުލައާއި، 49 ފުލުހަކަށް މެޑަލް ހަވާލުކުރުމަށް ވެސް ހަމަޖެހިފައިވެއެވެ.