
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކުރުވައި، މަގުމަތީގެ އަދަބުތަކަށް އަހުލުވެރިކުރުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ “ރައްކާ ރޯޑްޝޯ” ގދ. އަތޮޅުގައި ފަށައިގެން ކުރިއަށް އެބަގެންދެއެވެ.
މި މަހު 9 އިން 19 ކުރިއަށްގެންދާ މި ހަރަކާތްތަކުގައި އެ އަތޮޅުގެ ރަށްރަށުގައި، މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ. މި ޕްރޮގްރާމަކީ އާންމުންގެ ބައިވެރިވުމާއެކު މަގުމަތީގެ ރައްކާތެރިކަމާ މެދު މުޖުތަމައު ހޭލުންތެރިކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ހަރަކާތުގެ ތެރެއިން، ގދ. އަތޮޅުގެ ރައްޔިތުންގެ މެދުގައި ބަދަހި ގުޅުމެއް އުފެއްދުމަށާއި، ރައްކާތެރި އަދި އަމާން މުޖުތަމައެއް ބިނާކުރުމަށް ރައްޔިތުންގެ ބައިވެރިވުމާއެކު ތަފާތު ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ. އެގޮތުން، ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ ޓްރެފިކް މޮނީޓާސް ޕްރޮގްރާމާއި، ފަހިރާސްތާ ޕްރޮގްރާމާއި، ބެލެނިވެރިންނާއި އާންމު ރައްޔިތުންނަށް މައުލޫމާތު ދޭނެއެވެ.
މީގެ އިތުރުން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ބިލްބޯޑު އިފްތިތާހުކޮށް، މަގުމަތީގެ އަދަބުތަކާއި ރައްކާތެރިކަމާ ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ސެޝަންތައް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމަކީ ފުލުހުންގެ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން ޑިޕާޓްމަންޓުން އިސްނަގައިގެން، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި، ކައުންސިލުތަކާ އަދި އަމިއްލަ ކުންފުނިތަކާ ގުޅިގެން ހިންގާ ހަރަކާތެކެވެ. މި އަހަރުގެ ޕާޓްނަރުންގެ ތެރޭގައި އޫރީދޫ މޯލްޑިވްސް، އެލައިޑް އިންޝުއަރެންސް، އެމް.ޓީ.ސީ.ސީ، އަވަސް، އަދި ހޮންޑާ (ޝީޝާ) ހިމެނެއެވެ.