
ދަރިން ތަރުބިއްޔަތުކުރުމުގެ ހުނަރުތަކާ ގުޅޭގޮތުން ނ. ލަންދޫ ސުކޫލު ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
މި މަހު 13ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ސެޝަނަކީ ލަންދޫ ޕޮލިހާއި ސުކޫލު ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.
މި ސެޝަންގައި، ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތުކުރުމުގައި ބެލެނިވެރިއެއްގެ ދައުރަކީ ކޮބައިކަމާއި، ދަރިންނާ މުއާމަލާތްކުރުމުގެ ރަނގަޅު ގޮތްތަކާއި، ހަރުދަނާގޮތެއްގައި އެ ކުދިން އަދަބުވެރިކުރުވުމާއި، ކުދިންގެ ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް އެހީތެރިކަން ދިނުމާއި، އާއިލީ ގުޅުންތައް ބަދަހިކޮށް، ހަރުދަނާ ރަނގަޅު ޖީލެއް ބިނާކުރުމުގެ މައްޗަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އޭގެ އިތުރުން، ދަރިންގެ ބަހާއި އަމަލަކީ ބެލެނިވެރިޔާގެ ފަރާތުން ދަސްކުރާ ކަމަކަށް ވުމާއެކު އެ ކުދިންނަށް ރަނގަޅު ނަމޫނާ ދެއްކުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ބުނެދީފައިވެއެވެ. އަދި އެ ކުދިންގެ އިހުސާސްތަކާއި ކަންބޮޑުވުންތަކާއި ހިޔާލުތައް އަޑުއެހުމުގެ މުހިންމުކަމާއި ޒިންމާދާރު ގޮތެއްގައި އަމަލުތައް ބެހެއްޓުމަށް ދަސްކޮށްދީ، އެ ކުދިންނާއެކު ފައިދާހުރި ވަގުތު ހޭދަކުރުމުގެ މުހިންމުކަން ވެސް މި ސެޝަންގައި ބުނެދީފައިވެއެވެ.
އަދި ކުދިން ކުރާ ރަނގަޅު ކަންކަމުގެ އަގުވަޒަންކުރުމާއި ކުދިންގެ ކާމިޔާބީތަކަށް ތައުރީފުކުރުުގެ މުހިންމުކަމާއި ކުދިންގެ އަމިއްލަ ނަފުސަށް އޮންނަ ޔަގީންކަން އިތުރުކޮށްދިނުމަށް ވެސް މައުލޫމާތު ހިއްސާކޮށްފައވެއެވެ.