
ރައްކާތެރިކަމާއެކު އިންޓަނެޓް ބޭނުންކުރަން ދަސްކޮށްދީ، ހޭލުންތެރިކުރުވުމަށް ނ. މަގޫދޫ ސުކޫލު ދަރިވަރުންނަށް މައުލޫމާތުދީފިއެވެ.
މި މަހު 14 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ސެޝަނަކީ މަގޫދޫ ޕޮލިހާއި، ސުކޫލު ގުޅިގެން ކުރިއަށްގެންދިޔަ ސެޝަނެކެވެ. މި ސެޝަންގެ މަގުސަދަކީ ސުކޫލު ދަރިވަރުން، ކުށްމަދު އަމާން މުޖުތަމައަކަށް އަހުލުވެރިކުރުވައި، އޮންލައިން ނުރައްކާތަކުން ރައްކާތެރިކުރުވުމެވެ.
މި ސެޝަންގައި، އިންޓަނެޓް ބޭނުންކުރާއިރު އާންމުކޮށް ދިމާވެދާނެ މައްސަލަތަކާއި އެ ކަންކަން ހައްލުކުރުމަށް މަސައްކަތްކުރާނެ ރަނގަޅުގޮތްތައް ބުނެދީފައިވެއެވެ. އަދި އޮންލައިންކޮށް ދިމާވާ މީހުންނަށް ތިމާގެ ޒާތީ އެއްވެސް މައުލޫމާތެއް ހިއްސާނުކުރުމަށާއި، ދަރިވަރުން ގެންގުޅޭ ޑިވައިސްތަކުގެ ޕާސްވޯޑު ފަދަ ސެކިއުރިޓީ ކޯޑުތައް އެހެން މީހުންނާ ހިއްސާނުކުރުމަށް އިރުޝާދުދީފައިވެއެވެ. އަދި އިންޓަނެޓް ބޭނުންކުރުމުގައި ޝައްކުކުރެވޭ ފަދަ އެއްވެސް ކަމެއް ދިމާވެއްޖެނަމަ ލަސްނުކޮށް އިތުބާރުކުރެވޭ ފަރާތްތަކުގެ އެހީ ހޯދުމަށް ވެސް މި ސެޝަންގައި ވަނީ ބުނެދީފައެވެ.
އޭގެ އިތުރުން، އިންޓަނެޓަކީ ކިޔެވުމަށާއި ފައިދާހުރި މައުލޫމާތު ހޯދުމަށް ބޭނުންކުރެވިދާނެ ވަސީލަތެއްކަން ބުނެދީ، ޒިންމާދާރުކަމާއެކު އިންޓަނެޓް ބޭނުންކުރުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވިއެވެ.
މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ މަގޫދޫ ސުކޫލުގެ ގްރޭޑް 7 އިން 9 ގެ ދަރިވަރުންނަށެވެ.