
އިންޑިއާގެ ހައިދަރުއާބާދުގައި ހުންނަ ސަރްދާރު ވަލްލަބްބާއީ ޕަޓޭލް ނޭޝަނަލް ޕޮލިސް އެކަޑަމީ (އެސްވީޕީއެންޕީއޭ) ގެ ރަސްމީ ދަޢުވަތަކަށް، އެ އެކަޑަމީގެ 78 ވަނަ އިންޑިއަން ޕޮލިސް ސަރިވސް ޓްރޭނިންގ ކޯސް ދަސްވެނިވުމުގެ ރަސްމިއްޔާތާއި ޕާސިންގ އައުޓް ޕެރޭޑުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.
2026 އޮކްޓޫބަރު 17 ވަނަ ދުވަހު ބޭއްވި މި ރަސްމިއްޔާތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ 5 އޮފިސަރަކު ވަނީ މި ތަމްރީނު ކޯސް ކާމިޔާބުކަމާއެކު ފުރިހަމަކޮށް ދަސްވެނިވެފައެވެ. އޭގެ ތެރޭގައި އަންހެން އޮފިސަރަކުވެސް ހިމެނެއެވެ.

މި ދަތުރުފުޅުގެ ތެރެއިން ކޮމިޝަނަރ އޮފް ޕޮލިސް ވަނީ އިންޑިއާގެ ޔޫނިއަން ހޯމް ސެކްރެޓަރީ ޝްރީ ގޯވިންދު މޯހަން އަދި އެސްވީޕީއެންޕީއޭގެ ޑިރެކްޓަރ ޝްރީ ސުޖީތު ޕާންޑޭއާ ވަކިވަކިން ބައްދަލުކުރައްވާފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމާއި އިހްތިރާމް ރަމްޒުކޮށްދިނުމުގެ ގޮތުން މި ބައްދަލުކުރެއްވުމުގައި ހަނދާނީ ފިލާ ވަނީ ބަދަލުކުރައްވާފައެވެ.
އެސްވީޕީއެންޕީއޭއަށް ކުރެއްވި މި ރަސްމީ ޒިޔާރަތުގެ ތެރެއިން ކޮމިޝަނަރ އޮފް ޕޮލިސް ވަނީ އެ އެކަޑަމީގެ ޑިރެކްޓަރ ޝްރީ ސުޖީތު ޕާންޑޭއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ކުރިމަގުގައި ދެފަރާތް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުންނާއި، އޮފިސަރ ޓްރެއިނީންނަށް ތަމްރީނުގެ ފުރުޞަތުތައް ފުޅާކޮށް، މިހާރު ލިބެމުންދާ ޖާގަތައް އިތުރުކުރުމާ ގުޅޭގޮތުންނެވެ.