
ފ. ބިލެތްދޫއަށް މަސްތުވާތަކެތި އެތެރެކޮށް، ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ސާމަރާމަންޒިލް / ފ. ބިލެތްދޫ، ޖަމްޝީދު އިސްމާޢީލް (43އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ، ބިލެތްދޫއަށް ދަތުރުކުރަމުންދާ ދޯންޏެއްގައި މީހަކު މަސްތުވާތަކެތި ގެންދާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން މި މަހު 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައެވެ.
ބިލެތްދޫ ފުލުހުން ހިންގި އޮޕަރޭޝަންގައި އެ ރަށު ބަނދަރު ސަރަހައްދުން އޭނާ ހުއްޓުވައި، އޭނާ ގެންގުޅުނު ފޮށިގަނޑު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 662 ކުޑަ ރަބަރު ޕެކެޓު ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.