
ދުވާފަރުގައި ހުންނަ ރ. އަތޮޅު މަދަރުސާގެ ގުރޭޑު 9 ގެ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
މި މަހު 19 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ސެޝަނަކީ ދުވާފަރު ޕޮލިހާއި އެ މަދަރުސާ ގުޅިގެން ކުރިއަށްގެންދިޔަ ސެޝަނެކެވެ. މި ސެޝަނުގައި ދަރިވަރުންނަށް މައުލޫމާތު ހިއްސާކޮށްފައި ވަނީ ލީޑަރޝިޕް އެންޑް ޑިސިޕްލިންގ އަދި ރަނގަޅު ގޮތުގައި ކެރިއަރ ބިލްޑުކުރުމާ ގުޅޭގޮތުންނެވެ.
އެގޮތުން، ދަރިވަރުންގެ އަހުލާގު ބައްޓަންކުރާނެ ގޮތާއި، ރަނގަޅު ލީޑަރަކަށް ވުމަށް ބޭނުންވާނެ އެންމެ ރަނގަޅު ސިފަތަކާއި، އެކަމަށް މަސައްކަތް ކުރަންޖެހޭ ގޮތްތައް ކިޔައިދީފައިވެއެވެ. އަދި ޒިންމާދާރުވުމާއި، އެހެން ކުދިންނަށް އިހުތިރާމުކުރުމާއި، ކަންކަމުގައި އިސްނެގުމުގެ އިތުރުން، އަމިއްލަ ނަފުސަށް އިތުބާރުކޮށް އެހެން ކުދިންނާ ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކަށް ވަނީ އަލިއަޅުވާލާފައެވެ.
މީގެ އިތުރުން، ކޮންމެތާކު އުޅުނުކަމުގައި ވިޔަސް އަހުލާގީ މިންގަނޑުތައް ހިފެހެއްޓުމުގެ މުހިންމުކަމާއި ވަގުތަށް ކަމޭހިތައި ވަގުތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވެފައިވެއެވެ.
ދަރިވަރުންގެ ވިސްނުން ތަރައްގީކޮށް އެ ދަރިވަރުންގެ ކުރިމަގު އުޖާލާ ކުރުމަށް މިފަދަ ސެޝަންތަކުން އެހީތެރިވެދޭނެއެވެ.